ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާ ތަކަށް ދޫކުރަން ހަމަޖެހިފައިވާ މާލީ އެހީއަށް އެދުނު މީޑިއާ ތަކުގެ ތެރެއިން ޝަރުތުހަމަވި 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން އެދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޔޫތް މިނިސްޓްރީއަށް ފޮނުވައިފިއެވެ.
ޝަރުތުހަމަވި މީޑިއާ ތަކުގެ ތެރެއިން ފައިސާ ދޫކުރަން އެދި ނުފޮނުވާ ދެ މީޑިއާއަކީ، އެމްވީ ޕްލަސް އާއި ކޯޕަރޭޓް މޯލްޑިވްސް މެގަޒިން އެވެ. އެ ދެ މީޑިއާގެ ފައިސާ ހިފަހައްޓާފައި ވަނީ އެއީ އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާ ކަމަށްވާތީއެވެ.
މީގެތެރެއިން އެމްވީ ޕްލަސްއަށް 684،000 ރުފިޔާ އަދި ކޯޕަރޭޓް މޯލްޑިވްސް މެގަޒިންއަށް 690،000 ރުފިޔާ ދިނުމަށް ކޮމިޝަނުން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް އެ މައްސަލަ ހައްލުވަންދެން އެ ފައިސާ ވަނީ ހިފަހައްޓާފައެވެ.
މީޑީއާ ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ 57 މީޑިއާއަކުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެކެވެ. ކޮމިޝަނުން މިހާރު ވަނީ ފައިސާ ލިބޭނެ މީޑިއާތަކާއި ލިބޭނެ އަދަދުވެސް ޕޯޓަލްގައި ހިމަނާފައެވެ.




