އަދލާތު ޕާޓީގެ ރައީސް ކަމަށް މުޙައްމަދު ޝިފާން ކުރިމަތި ލައްވައިފިއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމުގައި މިވަގުތު ހުންނެވި ޝިފާން ވަނީ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވައި މިއަދު ފޯމު ހުށަހެޅިކަންވެސް ޔަގީންކޮށް ދެއްވާފައެވެ.
" ﷲގެ ޙަޟުރަތުން ވާގި އެދިހުރެ، ދިވެހިރާއްޖޭގެ އިސްލާމީ ސިޔާސީ ހަރަކާތް، ޢަދާލަތު ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފޯމު އަޅުގަނޑު މުޙައްމަދު ޝިފާން މިއަދު ޕާޓީގެ އޮފީހަށް ހުށަހަޅައިފީމެވެ." ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ރައީސްކަން ލިބިއްޖެނަމަ، ޢަދާލަތު ޕާޓީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި ދެމި ހުންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެކަމުގައި މެމްބަރުންގެ ތާއީދާއި އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް ޝިފާން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތިލެއްވިކަމެއް އަދި ކަށަވަރު ވެފައިނުވެއެވެ. ޝިފާންއަކީ މީގެކުރިންވެސް އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.




