ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ވޯޓުގެ ބާރު ނިގުޅައިގަތުމަށްޓަކައި ހީލަތްތެރިކަމާއެކު ރާވާ ނުބައި ރޭވުންތަކެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅައި، ބަހުސް ފަށާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި ދާދި ދެންމެއަކު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މި ބިލު ހުށަހަޅާފައި ވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ.
"ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި. މިއީ ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، “ވޯޓު” ގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް." ޝާހިދު ވިދާޅުވިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ، ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބާއްވައި، ދެ އިންތިޚާބު އެކުގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން އުޅޭތީ ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މި ބިލު މަޖިލީހަށް ބަލައިގަންނަން މިއަދު ވަނީ ފާސްކޮށްފައެވެ. ދެ އިންތިޚާބު އެކުގައި ބާއްވަން އުޅޭތީ ޝާހިދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމްޑީީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ނަމަވެސް، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، ބަލައިގަނެ އެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް ތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް މި ބިލްގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.




