ސަރުކާރުން ބޭނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު، މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު ބާއްވަން ކަމުގައި ސަރުކާރުން ބުނެފިއެވެ.
ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހަށް ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފިނަމަ، ދެން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ގޮތެއް ނިންމާށެވެ. މިކަމާގުޅޭ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ރާއްޖޭގެ ބަޔެއް މީޑިއާ ތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަޖިލީހުން ފާސްކޮށްފިނަމަ، ސަރުކާރުން ބޭނުން ވަނީ ކައުންސިލް އިންތިޚާބާއެކު، ދެ އިންތިޚާބުގެ ފެންނަ ނުފެން ވޯޓަށްދާށެވެ.
ދެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ނިންމައި މިއަދު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނެއެވެ. އެހެންކަމުން މަޖިލިސް ޗުއްޓީގައި އޮއްވައި، މިއަދު ބާއްވާ ޖަލްސާގައި ދެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ބަދަލު ގެނެސްފިނަމަ، ފެންނަ ނުފެން ވޯޓަށްދާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއީ ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދުވަހެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ.
އެ ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަން ޖެހެއެވެ.




