މާލޭގެ މާފަންނުކޮޅުގައި ހުންނަ ކެފޭ އަކާއި ގެއެއް ބަލައި ފާސްކޮށް، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅޭ، އެ ބޮއި ހަދަމުންދިޔަ ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުން ކުރާކަމުގެ ތުހުމަތުގައި 6 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެމީހުން ހައްޔަރުކުރީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކޮށްފައި ވެއެވެ. އެ ބަލައި ފާސް ކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ. މި އެންމެންނަކީވެސް ނޭޕާލް މީހުންނެވެ.
ފުލުހުން ބުނީ މި ހުރިހާ މީހުންވެސް ޑީޕޯޓް ކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ.




