* ބޯހިޔާވަހި ކަމަށް ބަޖެޓުގައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ޚަރަދުކޮށް މި ނިންމާލީ މިހާރު. ބާކީ އޮތީ ތިން ދުވަސް. ހަމަ އެންމެ ގާބުރިއެއްވެސް، އެންމެ އުވަ ހަންޖެއްވެސް ބޭއްވިފަނެތް
މި ހިނގާ 2025 ވަނަ އަހަރަކީ ރައްޔިތުންގެ ހިތް ކުދިކުދިވެ ފަޅައިގެންދާ ފަދަ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރެއްވި އަހަރެއް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަަލަ ސުރުޚީ" ގައި މިރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޖުމްލަ ގޮތެއްގައި 2025 ވަނަ އަހަރު އެމަނިކުފާނަށް ސިފަ ކުރެއްވެނީ ކަށިކުނބުރު ޖަންގައްޔަކަށް ރައްޔިތުން ވައްޓާލި އަހަރެއްގެ ގޮތުގައި ކަމަށެވެ.
"2025 ވަނަ އަހަރު ނިމުމަކަށް މިދަނީ. ދާއިރު އަޅުގަނޑުމެން ރާއްޖެއަށް ބަލާއިރު ފެންނަން މިއޮތީ ރާއްޖޭގެ ރައްޔިތުން އިންތިހާއަށް ހިތްދަތިކަން ތަޙައްމަލު ކުރަން ޖެހުނު، ދަތިތަކާ ކުރިމަތިލާން ޖެހުނު، ގިރާނުކުރެވޭ ކަހަލަ ހުސްރަސްތަކެއް ކުރިމަތިވެފަ އޮތް، އަދި ރައްޔިތުންގެ ހިތް ކުދިކުދިވެ ފަޅައިގެންދާފަދަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދެވި އަހަރެއްގެ ގޮތުގައި." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުންގެ ކައިރީގައި ސަރުކާރުން ވަމުންދަނީ ދޮގު ވައުދުތަކެއް ކަމަށާއި، އެކަމާހުރެ ރައްޔިތުން ދަނީ ދޮގު ވައުދުތަކާއި ދޮގު ތަކުން ޣަރަގު ވަމުން ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރައްވައި ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒަކަށްވެސް އަދި ސަރުކާރުގައި ދެން ތިއްބެވި ބޭފުޅުންނަށްވެސް ކަންކުރާނެ ގޮތެއް، ކަމެއް ކުރައްވާކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރުން ވެފައިވާ ބޯހިޔާވަހި ކަމުގެ ވައުދު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރެއް ކަމަށް، 2024 ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހި ކަމަށް މި އަހަރުގެ ބަޖެޓުގައި 56.6 ބިލިއަން ރުފިޔާ ހިމަނާފައި އޮތްކަން ފާހަގަ ކުރެއްވިއެވެ.
"56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ޚަރަދުކޮށް މި ނިންމާލީ މިހާރު. ބާކީ އޮތީ ތިން ދުވަސް. ހަމަ އެންމެ ގާބުރިއެއްވެސް، އެންމެ އުވަ ހަންޖެއްވެސް ބޭއްވިފަނެތޭ. ދެން ކީއްތޯ ކުރާނީ. މި އަންނަ މޭމަހާ ހަމައަށް ދާއިރު ދައުރު ދެބައިވީ. އަނެއްހެން ރައީސް މުއިއްޒުގެ ރިޔާސަތުގައި ދެބައި ކަނޑަށް ދުވެނިމޭނެ މި އަންނަ މޭމަހު." ޝާހިދު ވިދާޅުވިއެވެ.




