ޝަރުތު ހަމަނުވާ 450 ގިނަ މީހުންގެ އަތުން ފުލެޓު އަތުލި: މިނިސްޓަރު

ޝަރުތު ހަމަނުވާ 450 ގިނަ މީހުންގެ އަތުން ފުލެޓު އަތުލި: މިނިސްޓަރު

ހި ދިރިއުޅުން ކޯޕަަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަނުވާ 450 މީހެއްގެ އަތުން ފުލެޓު އަތުލިކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ފުލެޓުތައް ދިނީ ކުރީ ސަރުކާރުން ވެރިކަން ބަދަލުވާން ކުޑަތަންވެފައިވަނިކޮށް ނެރުނު ފުލެޓު ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ފުރިހަމަނުވާ މީހުން ފިޔަވައި އެއްވެސް މީހެއްގެ އަތުން ފުލެޓު އަތުލާފައިނުވާނެ ކަމުގައި މުއްތަަލިބު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފުލެޓު ދިނުމުގައި އަސާސީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އެންމެ ޝަރުތެކެވެ. އެއީ 15 އަހަރަށްވުރެ ދިގު މުއްދަތެއް މާލޭގައި ދިރިއުޅުމެވެ. އެ ޝަރުތު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅޭނެ ލިޔެކިޔުންތައް އެއިރު ބަޔާންކުރިއެވެ.

އެއިރު ނެރުނު ލިސްޓާމެދު ގިނަ ބައެއްގެ ޝަކުވާތައް ލިބުމާ ގުޅިގެން ފުލެޓު ހަވާލުކުރުން ހުއްޓުވުމަށްފަހު އޭސީސީން ބެލި ބެލުމުގައި އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކަށް ފުލެޓު ހައްގުވާކަމަށް ހުރީ ކަނޑައަޅާފައެވެ. އޭސީސީގެ އެ ނިންމުމާ ގުޅިގެން މި ސަރުކާރުން ފުލެޓު ހައްގުވެރިންގެ ލިސްޓު މުރާޖައާކުރިއެވެ. ނަމަވެސް ސަރުކާރުން ނިންމީ އަަސާސީ ޝަރުތު ފުރިހަމަވާނަމަ އެ ލިސްޓުގައި ހިމެނުނު އެންމެނަށް ފުލެޓު ދިނުމަށެވެ.

އެއާއެކު ސަރުކާރުން ފާހަަގަކުރީ އޮޅުވާލައިގެން ޝަރުތު ފުރިހަމަނުވަނީސް ޝަރުތު ފުރިހަމަވިކަމަށް ކަނޑައަޅައި ދޫކޮށްފައި ހުރި ފުލެޓުތައް އަތުލާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އަތުލި ފުލެޓުތަކުގެ އަދަދު މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ރިވީއުކުރުމުގެ ތެރެއިން އަަސަސީ ޝަރުތު ފުރިހަމަނުވަނީސް 450 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވުނުކަމަށާއި، އެ ފަރާތްތަކުގެ އަތުން ފުލެޓު އަތުލާފައިވާނެކަމަށް ޑރ.މުއްތަލިބު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިހާރު ފުލެޓު ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އިތުރަށް ފޯމުތައް ރިވީއުކޮށް އަސާސީ ޝަރުތު ފުރިހަމަވާކަަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެއެވެ.

ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3،879 ފަރާތަކާއެކު މިހާރު އެއްބަސްވުން ހަދާފައިވާއިރު ސަރުކާރުން މަސައްކަތްކުރަމުންދަނީ ޖަނަވަރީ މަހުގެ ނިޔަލަށް ފުލެޓު ލިބުނު ހުރިހާ އެންމެނަށް އެތަންތަނުގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *