ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ޝާހިދު ނިންމަވައިފި

ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ޝާހިދު ނިންމަވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

ޝާހިދު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެގޮތަށް ނިންމެވި ސަބަބަކީ އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނަވައިގެން އެތެރޭގެ އިންތިޚާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުސޫލަކަށް ނުވާތީ ކަމަށެވެ. އެހެންވެ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ޝާހިދު ވަނީ ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ، ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވި ނަމަވެސް، ޕްރައިމަރީ ކާމިޔާބުކޮށް އެމްޑީޕީގެ ޓިކެޓް ހޯދާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ކައުންސިލް އިންތިޚާބުގައި ގޮނޑިތައް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

‏" އެމް ޑީ ޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއިއެކު  ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑު މިހުރީ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް." ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު މާތް الله ގެ ހެޔޮ ރަޙްމަތްފުޅުން، އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *