އަންނަ އަހަރުން ފެށިގެން އަހަރީ ފީތަކާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރެވޭގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދައާ ގުޅޭގޮތުންނާއި ބައުވެ ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލް ކުރުމާ ގުޅޭގޮތުން އަންނަ އަހަރުން ފެށިގެން އަމަލުކުރާނެ ގޮތްތައް އިއުލާނުކޮށްފައެވެ.
މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ، ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާއި އުޅަނދު ނައްތާލުމުގައި ރައްޔިތުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީފީތަކާއި ޖޫރިމަނާ ހުރި ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރެވޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ މިގޮތަށް ނިންމިނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާ ހަމައަށް ނުދައްކާހުރި އަހަރީ ފީ އާއި ޖޫރިމަނާއަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށެވެ.





