އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ.
އެ ގޮތުން ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 މީހުން އުޅޭ ކަމަށާއި ގާތްގަނޑަކަށް ހުރިހާ ވައްކަމެއްގައި ޝާމިލުވަނީ އެ 1،000 މީހުން ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އޭގެ ތެރެއިން ބައެއް މީހުން މި އަހަރުގެ މިހާތަނަށް 1،012 ފަހަރު ހުއްޓުވައި ސުވާލުކޮށް 128 ފަހަރު ހައްޔަރުކޮށްފައިވެ އެވެ. އަދި ބައެއް މީހުން 580 ފަހަރު ހުއްޓުވައި ސުވާލުކުރެވުނުއިރު 55 އަހަރު ހައްޔަރު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ތަކުރާރުކޮށް ކުށްކުރާ މީހުން ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދި އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެ ތެރެއިން މުޖުތަމައުން އެކަހެރިކުރުމަށް ހުކުމް ކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.





