އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް ކަމަށާއި، ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚުވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައިވާ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނިތާ، ހަ މަސް ފަހުން، އެ ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވުމުން އެކަމަށް ފާޑުވިދާޅުވެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މަހާޒް ވިދާޅުވީ، އެކަމަށް އެހާދުވަސް ނެގުމަކީ އަނިޔާވެރިންގެ އަނިޔާއެއް ކަމަށެވެ.
"މިއީ އަނިޔާވެރިންގެ އަނިޔާއެވެ. އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގެ “ދަޅު ފުލުގައި” މުއްދަތު ހަމަވާ ތާރީޚުވެއެވެ." މަހާޒް ވިދާޅުވިއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މަހާޒާއި ޑރ. އަޒްމިރަލްދާ އާއި ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ސަސްޕެންޑް ކުރީ، އޭރު އެ ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަ ކަމަށް ޖޭއެސްސީއަށް އެންގުމުންނެވެ. އޭރު ޖޭއެސްސީންވެސް ބުނެފައި ވަނީ އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ސަސްޕެންޑް ކުރުމާއެކު ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް މަހާޒް އާއި އަޒްމިރަލްދާ، ފަނޑިޔާރު ކަމުން ވަކި ކުރައްވަންދެން މަގާމުގައި ތިއްބެވިއެވެ. އޭރުވެސް އެދެބޭފުޅުން ތިއްބެވީ ސަސްޕެންޝަނުގައެވެ.





