ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ވަނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށާއި ކުރިއަށްއޮތް 24 ގަޑިއިރު އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
"ވިއްސާރަކޮށްއުޅޭނެ ކަމަށް ބޮޑަށް ލަފާކުރެވެނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވެދާނެ އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް. ދެން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.
ދެކުނުގެ ރަށްތަކަށް ފަސް މޭލާއި 15 މޭލާއި ދެމެދުގައި، މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލަށް ވައި ޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި އުތާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ބުނީ ހަފްތާ ބަންދު ނިމުމުން އަންނަ އާދީއްތަ ދުވަހު ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވި ނަމަވެސް ބައެއް ސަރަހައްދުތަކަށް މުސުން ގޯސްވެދާނެއެވެ. އަދި އޭގެ ފަހުން ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.





