އަޅުގަނޑަށް ޖަލަށްލައިފިނަމަ މި ސަރުކާރަށް އޮތް ކުޑަ ތާއީދުވެސް ގެއްލިގެންދާނެ: ޔާމީން

އަޅުގަނޑަށް ޖަލަށްލައިފިނަމަ މި ސަރުކާރަށް އޮތް ކުޑަ ތާއީދުވެސް ގެއްލިގެންދާނެ: ޔާމީން

ހަމަޖެހިފައި އޮންނަ ގާނޫނީ ނިޒާމުގެ ތެރެއިން އެ މަނިކުފާނުގެ ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕާޓީ — ޕީއެންއެފް އިން މިރޭ އާޓިފިޝަލް ބީޗްގައި "ރީސެޓް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭ ގޮތް ހެދުމަށްޓަކައި ހުކުމެއް ކޮށްފާނެތޯ ސުވާލު އުފައްދަވާފަ އެވެ. އެކަމަކު ވިދާޅުވި އެ މަނިކުފާނަށް ޖަލު ހުކުމެއް އިއްވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެފަދަ ކަމެއް ކޮށްފިނަމަ އެއީ މިސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޖަލު ހުކުމެއް އަންނާނެ ގޮތަކީ ނެތް ގޮތެެއް. ގާނޫނާއި ޝަރީއަތުގައި ގާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވަވާ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް މަސައްކަތް ކުރެއްވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އެކަމަކު ތަގުދީރުގައި ކަން ނިމިގެން ދިޔައީ މުޅިން އެހެން ގޮތަކަށް މާވަރުގަދަކޮށް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާއީދު މިހާރުވެސް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒަށް މިހާރު އޮތް ތާއީދުވެސް އެ މަނިކުފާނުގެ ގައިގައި އަތްލައިފިނަމަ ގެއްލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ކަންކަމާ ކެރިގެން ކުރިމަތިލައްވާނެ ބޭފުޅެއް ކަމަށެވެ. އަދި ކުރައްވާ ކޮންމެ ކަމެއް ކުރައްވާނީ އެކަމެއްގެ ޒިންމާ ނަންގަވަން ކެރިވަޑައިގެން ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *