ގޭންގުތަކާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ފުލުހުން ނުކުންނަން ޖެހެނީ ނުރައްކާތެރި މާހައުލަކަށް: އިހްސާން

ގޭންގުތަކާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ފުލުހުން ނުކުންނަން ޖެހެނީ ނުރައްކާތެރި މާހައުލަކަށް: އިހްސާން

ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ގޭންގުތަކުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ދިވެހި ފުލުހުން ނުކުންނަން ޖެހިފައިވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ފުލުހުންނާ މުޚާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ފަދަ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ފުލުހުން ވަންނައިރު، އެ ކަންކަމުގެ ތެރޭގައި އެވަރަށް ކޮރަޕްޝަންވެސް އެބައޮތް ކަމަށެވެ. ނަމަވެސް ފުލުހުން އެ ކަންކަމުގެ ތެރެއަށް ނުކުންނައިރު ތެދުވެރިކަމާއި ސާބިތުކަމާއެކު ތިބުމަށް މިނިސްޓަރު ނަސޭޙަތްތެރިވެވަޑައިގަތެވެ.

"އެހެންވެ މިފަދަ ބަލިމަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް. އަޅުގަނޑުމެން މި ގޮތުގައި މަސައްކަތް ކޮށްފި ނަމަ، މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި އެދޭ ފަދަ އަމާން ދިވެހިރާއްޖެއެއް ގާއިމް ވެގެންދާނެ،" ފުލުހުންނަށް ނަސޭޙަތް ދެއްވަމުން އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު ފުލުހުންނާ ހަވާލު ކޮށްފައި އޮތް އެންމެ ބޮޑު ޒިންމާއަކީ ރާއްޖެއިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމާއި ގޭންގު ގްރޫޕުތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމުގެ އިތުރުން، ރާއްޖޭގައި ގަވައިދާ ޚިލާފަށް  އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށެވެ.

"ކޮންމެ ދުވަހަކީ މި ދެންނެވި ފަދަ ނުރައްކާތެރި ފަރާތްތަކާ ނުރައްކާތެރި މާހައުލުތަކުގައި ފުލުހުން ހިދުމަތް ކުރަންޖެހޭނެ ދުވަހެއް. މި ކަމަށް ތިޔަ ފުލުހުން ތިތިބީ ތައްޔާރަށް. މި ކަަމަށްޓަކައި މާދަމާއިން ފެށިގެން ކެނޑިނޭޅި މި މިޝަންތައް ހާސިލު ވަންދެން މަސައްކަތް ކޮށްދެއްވުމަކީ ތިޔަ އެންމެހާ ފުލުހުންގެ ފަރާތުން އަޅުގަނޑު އެދޭ އެދުން" އިހްސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *