އައްޑޫ ހައި ސްކޫލްގެ ކްލާސް ރޫމެއް ތެރޭގައި ދަރިވަރަކާއި ޓީޗަރެއްގެ ދެމެދު ހަމަނުޖެހުން ހިގަން މެދުވެރިވި ސަބަބަކީ، ކްލާހުގައި އިން ސްކްރީނުގައި ބޭއަދަބީ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ދަރިވަރުގެ ފޯނުން އެޅުވުމުންކަން ހާމަވެއްޖެއެވެ.
މިކަން ހިނގިގޮތް ބެލުމަށްފަހު، ޓީޗަރުން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޓީޗަރާއި ދަރިވަރާމެދު ހަމަނުޖެހުން ހިނގީ ކްލާހުގެ ކްލާސް ރޫމުގައި ދަރިވަރު އެޅުވި ފިލްމުގެ ސަބަބުން، އެ ދަރިވަރުގެ ފޯނު އަތުލަން ޓީޗަރު މަސައްކަތް ކުރުމުން ކަމަށެވެ.
ޓީޗާރސް އެސޯސިއޭޝަނުން ބުނީ، އެ ދަރިވަރު ފޯނުން އެފަދަ ވީޑިޔޯއެއް އެތައް ކުދިންނެއް ތިބި ކްލާހެއްގެ ސްކްރީނުގައި އެޅުވިއިރު، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން، ކްލާހުގައި ތިބޭ އަނެއް 30 ދަރިވަރުންގެ ހައްގުވެސް އޮންނަންވާނެ ކަމަށެވެ. އެހެންކަމުން ކްލާހުގައި ބާކީތިބި ހުރިހާ ދަރިވަރުންގެ ހައްގުގައި ޓީޗަރު ތެދުވުމުން އެ ޓީޗަރު ފަލީޙަތްކޮށް ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނީ، ދަރިވަރުންގެ ފަރާތުން ހިނގާފައިވާ މިފަދަ ކަންކަމަށް ސްކޫލު ތަކުގެ މެނޭޖްމެންޓުން ފިޔަވަޅު ނާޅައި ދޫކޮށްލާފައިވާކަން ސާފުކޮށް އެނގޭ އެއް ހެއްކަކީ ދަރިވަރުންގެ ކްލާސް ތަކަށް ފޯނު ގެންދިޔުން ހުއްދަ ދެވިފައި އޮތް އޮތުމާއި، އެކަމަށް ހުއްދަ ދެވިފައި އޮތްއިރު، އެކަމަށް އެ ސްކޫލްގައި އުސޫލެއް ހެދިފައެއް ނުވުމެވެ.
އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ސްކޫލަށް ފޯނު ވެއްދުން ހުއްދަ ކޮށްފައި އޮތް ނަމަވެސް، ކްލާހާ ހަމައަށް ފޯނު ގެންދިޔުމަކީ އެ ތަންތަނުގައިވެސް މަނާކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް ސްކޫލަށް ފޯނު ގެންދިޔުން ހުއްދަ ކުރާނަމަ، އެކަމަށް ހާއްސަ އުސޫލެއް ހެދިފައި އޮންނަންޖެހޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނީ މީގެކުރިންވެސް އައްޑޫ ހައިސްކޫލްގެ ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް އުދަނގޫކޮށް، ބުލީ ކުރުމުގެ އަމަލުތައް ހިންގާފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި މިފަހަރު އެ ސްކޫލްގައި ހިނގައިދިޔަ ކަންކަން އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތި ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކަށް ފިޔަވަޅު އަޅަންވެސް ޓީޗާސް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.
ޓީޗާސް އެސޯސިއޭޝަނުން ބުނީ، ހަގީގަތް ރަނގަޅަށް ނުބަލައި ޓީޗަރަށް އަދަބު ދިނުމުން، ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ކުރިމަތިވާ އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު ނާޅައި ދޫކޮށްލުވުމުގެ ނަތީޖާއަކަށް ވެފައިވަނީ ގާބިލު ޓީޗަރުން އެ ދާއިރާދެކެ ފޫހިވެ ތައުލީމީ ދާއިރާ ދޫކޮށް ދިއުން ކަމަށެވެ.





