ނ. އަތޮޅުގެ ރަށްތަކެއް ފަތުރުވެރިކަަމަށް ދޫކުރަން ނިންމި މައްސަލައިގައި ނ. އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ކުރި ދައުވާ ބާތިލު ކޮށްފިއެވެ.
އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރީ، އެ އަތޮޅު ކެނދިވަރާއި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ވަކި ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ އެ ނިންމުން ހުއްޓުވުމަށެވެ.
އެ ދައުވާގައި އަތޮޅު ކައުންސިލުން ބުނެފައިވަނީ އެ ދެ ރަށް ދިގު މުއްދަތަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުމަކީ ގާނޫނާހިލާފަށް އަދި ގާނޫނުގެ މަގުސަދު ހާސިލު ނުވާނެގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ކޯޓުގައި މި މައްސަލަ ކުރިއަށްގެންދަން ނިންމާފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން ނިންމެވި މި މައްސަލައިގެ ނިންމުގައި ބުނެފައިވަނީ އަވަސް ނިޔާގެ މައްސަލައަކަށްވާތީ، މި މައްސަލައިގައި އޮންނާނީ އެންމެ އަޑުއެހުމެއް ކަމަށެވެ. އެއީ ޝަރީއަތުގެ ފަހު އަޑުއެހުން ކަމަށާއި، އެ އަޑުއެހުމުގައި ހަސްމުން ހިއްސާ ކުރަންޖެހޭ ކަންކަން ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް، ދައުވާ ލިބޭ ފަރާތުން އައްޔަން ކޮށްފައިވާ ފަރާތް، ހާޒިރުވާން ކޯޓުން ކުރި އަމުރާ އެއްގޮތަށް 14 އޮކްޓޫބަރު 2024 ގައި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެެފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނަނީ، އަމިއްލަ ބާރު ނުފޯރާ، ކޯޓަށް ބަލައި ގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރަތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން މައްސަލައިގެ އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުނުވާނަމަ މައްސަަލަ ބާތިލު ކުރުމަކީ ކޯޓަށް އޮންނަ އިޚްތިޔާރެކެވެ. މި އިހުތިޔާރު ބޭނުން ނުކުރާނަމަ މައްސަލަ ކުރިއަށްގެންދަން ޖެހޭނެއެވެ.
އެކަން އެހެން އޮތްއިރު، މި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިމަހުގެ ތިންވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެ ދުވަހު ކޯޓުގެ އިންޓަނެޓް މައްސަލައެއް އުޅޭތީ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން އިއްޔެއަށް ތާވަލު ކުރިއެވެ. ނަމަވެސް ވީޑިއޯ ކޮންފަރެންސްްގައި ބައިވެރިވުމަށް، ދައުވާކުރާ ފަރާތް ތަމްސީލުކުރާ ފަރާތަށް އަންގައި ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް، ދައުވާކުރާ ފަރާތުން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެއެވެ.
ނަމަވެސް އަޑުއެހުމުގެ ވަގުތު ވަރަށް ކައިރިވެފައި ވަނިކޮށް، ދައުވާކުރާ ފަރާތް ތަމްސީލު ކުރަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި، އެކަމަށް އާ ވަކީލުން ހޯދާފައިވާ ކަމަށް ދައުވާ ކުރި ފަރާތް ކޯޓުގައި ތަމްސީލު ކުރަން އައްޔަންކުރި ފަރާތުން ކޯޓަށް އެންގި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ދައުވާކުރާ ފަރާތް ތަމްސީލު ކުރަން އިތުރު ވަކީލަކު ކޯޓަށް ހުށަހަޅާފައިނުވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
މަދަނީ އިޖުރައަތުގެ ގަވާއިދުގައި ބުނަނީ އެކަށީގެންވާ ސަބަބެއްނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިހެއް ދިނުމަކާނުލައި މައްސަލައިން ތަނާޒުލުވެގެން ނުވާނެ ކަމަށެވެ. އަދި ތަނާޒުލުވާން ޖެހިއްޖެނަމަ އެ އަޑުއެހުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން ތަނާޒުލުވުމުގެ ނޯޓިސް ހަސްމަށާއި ކޯޓަށް ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، މި ދައުވާ ކުރާ ފަރާތް ތަމްސީލުކުރާ ފަރާތް މި މައްސަލައިން ތަނާޒުލު ވުމަށް ހުށަހަޅާފައި ވަނީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް ނުވުމާއި، މި މައްސަލައިގެ އަޑުއެހުމުގައި ދައުވާކުރާ ފަރާތް ތަމްސީލު ކުރަން އިތުރު މީހަކު ބައިވެރިވެފައި ނުވުމާއި، ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގައިވާ ފަދަ، އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއްވެސް ނެތް ކަމަށް މި މައްސަލައިގައި ކޯޓުން ވަނީ ނިންމައިފައެވެެ.
އެހެން ކަމުން ނ. އަތޮޅު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށްކުރާ ދައުވާގައި، ދައުވާކުރާ ފަރާތުން ބައިވެރިވެފައި ނުވާތީ، މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ، މައްސަލަ ބާތިލު ކުރި ކަމަށެވެ.





