ވައްކަމަކީ ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާ ކަމެއް ކަމަށާއި، ވައްކަމުގެ މުޑުދާރު އަމަލުތަކާ ދުރަށް ދިއުމަށް ދައުލަތުގެ މުއައްސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުންގެ ކިބައިން، އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މުހައްމަދު އެދިވަޑައިގެންފިއެވެ.
ސޯޝަލް މީޑިޔާގައި ޝިޔާމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީ ކުރައްވައިފައިވާ އަމަލެއް ކަމަށާއި، އެ ފަދަ އަމަލުތަކުން މަންފާ ހޯދައި، ލިބިގަނެ އެ ބޭނުން ކުރުމަކީ ދިވެހި ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމަޢު ހަލާކުގެ ތެރެއަށް ވައްޓައިލާނޭ ކަމެއް ކަމަށެވެ.
"އަދި އެ ފަދަ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ހިމެނޭނީ ނަރަކައިގެ ގަދަފަދަ ވެގެންވާ އަޒާބުގެ އަހުލުވެރީން ކަމުގައެވެ. " ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އޭނާގެ ނަސޭޙަތަކީ ވައްކަމުގެ މުޑުދާރު އަމަލުތަކުން ހުރިހާ ފަރާތްތަކެއްވެސް ދުރުހެލިވުން ކަމަށެވެ.
"ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހައި ވެރިންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރި ވަމެވެ." ޝިޔާމް ވިދާޅުވިއެވެ.





