އެމްޑީޕީގެ މެމްބަރުން ފިލާ ތިއްބައި ނެރުނު ކަމަށް އާޒިމް ވިދާޅުވުމުން މާފަށް އެދުމަށް މާރިޔާ ގޮވާލައިފި

އެމްޑީޕީގެ މެމްބަރުން ފިލާ ތިއްބައި ނެރުނު ކަމަށް އާޒިމް ވިދާޅުވުމުން މާފަށް އެދުމަށް މާރިޔާ ގޮވާލައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އެ ޕާޓީ "މާޔޫސްކަމުގެ ރަޖާލައިގެން" އޮއްވައި މޭޔަރު ކަމުގެ އިންތިހާބަށް ނުކުންނަވައި ޕާޓީއަށް ރޫހު ގެނުވީ އޭނާ ކަމަށް ވިދާޅުވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުރުހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް މާރިޔާ ވަނީ އާޒިމްއަށް ގޮވާލައްވާފަ އެވެ.

މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އާޒިމް، ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ، ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮއްވައި "ރަޖާގަނޑު ދަށުން ނުކުމެ ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައިދިނީ" އޭނާ ކަމަށެވެ. "މި އާދަމް އާޒިމަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު އެއްކަލަ ރަޖާގަނޑު ދަށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި، އެމްޑީޕީއަށް ކާމިޔާބުކޮށް ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ މި ވާހަކަތަކަށް މާރިޔާ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

މާރިޔާ ވިދާޅުވީ އާޒިމް ވާހަކަ ދެއްކެވީ އެމްޑީޕީގެ މެމްބަރުން ކުޑައިމީސްވާ ގޮތަށް ކަމަށެވެ. އެމްޑީޕީއަކީ 2012 ވަނަ އަހަރު "އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެ ވެރިކަމުން ވަކިކުރީމާ" ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުުމެއް ނެތި ނުކުތް "ރީނދޫ ލަޝްކަރު" ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ. އޭގެ ފަހުން 2013 ގައި ޕީޕީއެމް ވެރިކަމަށް އައިސް ސިޔާސީ ގިނަ ފަރާތްތައް ޖަލަށް ލުމުން ނުކުތީ ވެސް އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، "އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން، އެމްޑީޕީގެ ހިތްވަރުގަދަ ރީނދޫ ލަޝްކަރަށް މިހާ ކުޑައިމީސްކޮށް ދެކިވަޑައިގެން އެމްޑީޕީގެ ހުރިހާ ވެސް ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ މިމޭރުމުން ދެއްކެވި ވާހަކަތަކަކީ އެމްޑީޕީގެ މަންމަކަމަށް ގިނަ އެމްޑީޕީ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން އަދި މިނޫން ވެސް އެތައް ހައިސިއްޔަތަކުން އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" މިފަދައިންނެވެ.

އެހެންކަމުން، އެ ވާހަކައާ މެދު އާޒިމް މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް މާރިޔާ ގަބޫލުކުރައްވަ އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރީނދޫ ލަޝްކަރަށް ނިސްބަތްކުރައްވަައި އެމްޑީޕީ ހުން އައިސް ރަޖާލާ، ފިލާ ތިއްބާ ނެރުނީ ތިމަންނާ ކަމަށް ވިދާޅުވެ، އެ ދެއްކެވި ވާހަކަފުޅަށް މަނިކުފާނު އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ އެވެ،" މާރިޔާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *