ރާއްޖޭގެ އެސްއީޒެޑް (ހާއްސަ އިޤްތިޞާދީ ސަރަޙައްދު) ގެ ޤާނޫނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ދީނީ އެއްބައިވަންތައްކަން ގެއްލިގެން ހިނގައިދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަލާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްއީޒެޑުގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަން ކުރު މުއްދަތެއްގެ ތެރޭގައި ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑަށް ފަހިވެފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި ދިވެހިންނަށް ލިބިފައި އޮތް އެންމެ ބޮޑު ނިއުމަތަކީ ދިވެހިންނަކީ އެއް ނަސްލެއްގެ، އެއް ބަހުން ވާހަކަ ދައްކާ، އަދި އެއް ދީނަކަށް (އިސްލާމްދީނަށް) ތަބާވާ ބައެއް ކަމުގައިވުން ކަމަށެވެ.
އެއީ ދިވެހި ޤައުމުގެ ވަރުގަދަ ބިންގަލާއި ދިވެހިންގެ އެއްބައިވަންތައްކަން ދެމެހެއްޓުމަށް އެންމެ މުހިންމު ސިފަކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން އެސް.އީ.ޒެޑް ޤާނޫނަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، ދިވެހީންގެ މި އެއްބައިވަންތަކަމުގެ ސިފަ މަދު އަހަރުތަކެއްގެ ތެރޭގައި ގެއްލިގެން ދިއުމުގެ ފުރުސަތު ކިތަންމެހާވެސް ބޮޑު ކަމަށް އިމްރާން ވަނީ އިންޒާރު ދެއްވާފައެވެ.





