މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން މިރޭ ހެންވޭރުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ކަލާފާން ސްކޫލްގެ ހޯލުގައެވެ. މި ބައްދަލުވުމަކީވެސް އެހެން ބައްދަލުވުންތައް ފަދައިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ. އެހެންކަމުން ހެންވޭރުގެ ހުރިހާ ރައްޔިތުންނަށްވެސް މި ބައްދަލުވުމަށް ވަޑައިގަތުމުގެ ދައުވަތު ވަނީ ދެއްވާފައެވެ.
މިރޭ ހެންވޭރުގެ ރައްޔިތުންނާއެކު ރައީސްގެ ބައްދަލުވުން އޮންނައިރު، މީގެކުރިން ވަނީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއެކުވެސް ބައްދަލުވުން ބާއްވާފައެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި ކަންބޮޑުވުންތައް ރައީސަށް ޙިއްސާކޮށް، އެކަންކަމުގެ ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރުން ކަމަށެވެ.





