ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާ ސަރުކާރާއި ހަވާލުކޮށްފި

ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާ ސަރުކާރާއި ހަވާލުކޮށްފި

ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ސްރީލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި އެހީ ޚާރިޖީ ވުޒާރާގެ ފަރާތުން ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. މި ޓެލެތޯނަށް ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވެއެވެ.

37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.

ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާއަށް އެހީވުމަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހިރާއްޖޭގެ މީޑިއާތަކާއެކު ކުރިއަށް ގެންދިޔަ ޓެލެތޯންގެ ފައިސާ އަމާނާތްތެރިކަމާއެކު ޙަވާލުކޮށް ދިނުމަކީ، ޕީއެސްއެމުން ރައްޔިތުންނަށް ދިން ޔަޤީން ކަމެކެވެ. މިއަދު މާލީ ވުޒާރާއާއި ޚާރިޖީ ވުޒާރާ މެދުވެރިކޮށް އެފައިސާ ލަންކާ ސަރުކާރާ ޙަވާލުކުރެވިގެން ދިއުމަކީ، ޕީ.އެސް.އެމްއިން ރައްޔިތުންނަށް ދިން ޔަޤީންކަން ކަށަވަރުވެގެން ދިޔަ ކަމެކެވެ. އެކަމަށްޓަކައި ޕީ.އެސް.އެމްއިން ވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ކުންފުނީގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ، ދިވެހިންނާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *