އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ތޫނާފާނާއި ގުޅިގެން އެ ގައުމަށް ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކުގެ ވަގުތު ިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަ ކަމަށްޓަކައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރަ ޑިސަނަޔަކެ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޑިސަނަޔަކަ އެކްސްގައި ވިދާޅުވީ، ދިވެހިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބައިވަންތަކަމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަކަމުގެ ހެއްކެއް ކަމަށެވެ. އަދި ދިވެހިންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ދިވެހި ސަރުކާރާއި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންވެސް ވަނީ ލަންކާއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ދިވެހި ސަރުކާރުން 50 ހާސް ޑޮލަރާއި 25 ހާސް މަސްދަޅު ކޭސް ލަންކާއަށް ހަދިޔާ ކޮށްފައިވެއެވެ. މީގެއިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ ހަވާލު ކޮށްފައެވެ.
މީގެއިތުރުން ދިވެހި ސިފައިންގެ ކޯސްޓްގާޑް ބޯޓެއްވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގެ ބަނދަރުގައި އެބައޮތެވެ.
ސަރުކާރުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ވަނީ ބޮޑެތި އަދަދު ތަކުން ފައިސާގެ އެހީތެރިކަން ލަންކާއަށް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ސަން ޝިޔާމް ގްރޫޕާއި، ވިލާ ގްރޫޕާއި ޗަމްޕާ ގްރޫޕް ފަދަ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.
ވިއްސާރައިގައި ކުރިމަތިވި ތޫފާނުގައި ލަންކާގެ ބަޔެއް އަވަށްތަކުގެ ކޯރުތައް ބަނޑުންވެސް އެތައްހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ. އަދި އެތައް ބަޔަކު ވަނީ މަރުވެފައެވެ.





