ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭނެ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހާއެކު ޑްރަގު ކުށްތަކުގައި ދެމުން އައި އުމުރު ދުވަހުގެ އަދަބަކީ 25 އަހަރުގެ ބަދަލުގައި، އެ މީހަކު މަރުވަންދެން ޖަލުގައި ބަހައްޓާނެ އަދަބަކަށް ވަނީ ބަދަލުވެފައެވެ.
ގައުމުގެ މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިކުރުމަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަކީ މުހިއްމުކަމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހުގެ ސަބަބުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑެތި ޑީލަރުންނަށް މަރުގެ އަދަބު ދެވޭނެ ގޮތް ވަނީ ހުޅުވިފައެވެ.އުމުރަށް ޖަލަށްލުމުގެ މާނަ ބަދަލުވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި ކުރިން އޮންނަ 25 އަހަރުގެ އަދަބު މިހާރު ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނީ، ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު މަރުވަންދެން ޖަލަށްލުމަށެވެ.
އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް މި އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެއެވެ.މަރުގެ އަދަބު ކަނޑައެޅޭނެ ޝަރުތުތައް:މަރުގެ އަދަބު ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެ، އެ މައްސަލައަށް ސުޕްރީމް ކޯޓުން ބަލާ ފަނޑިޔާރުން އެއްބަސްވެގެންނެވެ. ފަނޑިޔާރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭނަމަ، ދެވޭނީ އުމުރަށް ޖަލަށްލުމުގެ އަދަބެވެ.މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:
އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު ކެނެބިސް ކަމުގައިވުން.
އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށް ވުރެ އިތުރު ޑައިމޯފިން ކަމުގައިވުން.
އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެއްޗެއް ނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން.
މަރުގެ އަދަބު ކަނޑައެޅޭނީ، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވާނަމަ ކަމަށްވެސް ބިލުގައި ބަޔާންކުރެއެވެ.މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބެއް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ. މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމަށްފަހުގައެވެ.






