ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާ ކަމަށްވާ އދ. ގެ އެންމެ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދެން އިންތިހާބު ކުރަންވީ އަންހެނެއް ކަމަށް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއީ އދ. ހިންގުމާ އަންހެނަކު ހަވާލުވާން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު މިހެން ވިދާޅުވީ، ޑެވެކްސް އިންޓަނޭޝަނަލްއަށް ލިޔުއްވި ކޮލަމެއްގައެވެ. އޭނާގެ ކޮލަމްގައި ފާހަގަކުރައްވާފައިވާ ގޮތުގައި އދ. ގެ 80 އަހަރުވީ ތާރީހުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވަނީ ހުސް ފިރިހެނުންނެވެ. އެ މުއްދަތުގައި ލީޑާޝިޕް މަގާމުތަކުން އަންހެނުންނަށް އެކަށީގެންވާ ފުރުސަތުތައް ލިބިފައި ނުވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްވަރު، ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އޭނާ ރިޔާސަތު ބެލެހެއްޓެވި އާންމު މަޖިލީހުން ވަނީ ކޮންމެ އަހަރެއްގެ ޖޫން 24 އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިޕްލޮމެސީގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ކަމަށް ކަނޑައަޅާފައެވެ.
ޝާހިދު ލިޔުއްވާފައިވަނީ "އދ، ގެ ވައުދަކީ، ހަމަހަމަ އިއްޒަތާއި، ހަމަހަމަ ހައްގުތަކާއި، ހަމަހަމަ ފުރުސަތުތައް ދެމެހެއްޓުން. ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އިންތިހާބު ކުރުމަކީ ހަމައެކަނި އެ ވައުދު ފުއްދުމެއް ނޫން. އެއީ އެ ވައުދު ފުއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާކަން ދޭހަކޮށްދޭނެ ކަމެއް،" މިފަދައިންނެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އިންތިހާބު ކުރަނީ ސެކިއުރިޓީ ކައުންސިލްގެ ލަފަޔާއެކު އާންމު މަޖިލީހުންނެވެ. ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރު ގައުމުގެ ރައްޔިތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް އަދާނުކުރެވޭނެއެވެ.
މިވަގުތު އެ މަގާމުގައި ހުންނެވީ މެކްސިކޯއަށް ނިސްބަތްވާ އެންޓޯނިއޯ ގުޓަރޭޒް އެވެ. އޭނާގެ ދައުރު އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އާ ސެކްރެޓަރީ ޖެނެރަލެއް ވެސް އަންނަ އަހަރު އިންތިހާބު ކުރާނެއެވެ.





