މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް މައްސަލަ މިއަދު ނިމިއްޖެއެވެ.
ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަވާއިރު ރައުދުވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.
ދައުވާއަށް ރައުދު އިއުތިރާފުވުމުން ކުރިމިނަލް ކޯޓުން ވަނީ އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަޑް ބަދަލުކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް ރައުދު ވަނީ 27 ދުވަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ.
އެހެންވެ އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭ އަދަބެއް ނޯންނާނެ އެވެ.






