ޓްރަމްޕާއި މަމްދާނީގެ ބައްދަލުވުން: ފެނުނީ ޚިޔާލު ތަފާތުވުންތައް ދޫކޮށް ނިއު ޔޯކު ސިޓީގެ ތަރައްގީއަށް އަމާޒު ހިފިތަން

ޓްރަމްޕާއި މަމްދާނީގެ ބައްދަލުވުން: ފެނުނީ ޚިޔާލު ތަފާތުވުންތައް ދޫކޮށް ނިއު ޔޯކު ސިޓީގެ ތަރައްގީއަށް އަމާޒު ހިފިތަން

  • ބޭނުންވަނީ އަހަރެމެން ލޯބިވާ ނިއު ޔޯކު ސިޓީ ރަނގަޅު ކުރަން: ޓްރަމްޕް
  • މަޝްވަރާކުރީ ޚިޔާލު ތަފާތުވުމުގެ މައްޗަކަށްނޫން، ނިއު ޔޯކުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒަށް: މަމްދާނީ

އެމެރިކާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ނިއު ޔޯކު ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ޒަހްރާން މަމްދާނީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރެއްވުމަށްފަހު، ޓްރަމްގެ ރާގު ބަދަލު ކުރައްވައިފިއެވެ.

މޭޔަރަކު ހޮވަން ބޭއްވި ކެމްޕޭން ތެރޭގައި މަމްދާނީ ހޮވިއްޖެނަމަ، މައި ސަރުކާރުން ނިއު ޔޯކު ސިޓީއަށް ދޭ މާލީ އިނާޔަތް ކުޑަ ކުރާނެކަމުގެ އިންޒާރުވެސް ދެއްވާފައިވާ ޓްރަމްޕާއި މަމްދާނީގެ ވައިޓް ހައުސްގައި ބައްދަލުވުމަށްފަހު ޓަރަމްްޕް ވިދާޅުވީ ބޭނުންފުޅުވަނީ ނިއު ޔޯކު ސިޓީ ވަރަށް ރަނގަޅު ސިޓީއަކަށް ހައްދަވަން ކަމަށެވެ.

"އަހަރެމެންގެ އެއްގޮތް އެއް ކަމެއް އެބައޮތް. އަހަރެމެން ބޭނުންވަނީ އަހަރެމެން ލޯބިވާ ނިއު ޔޯކު ސިޓީ ވަރަށް ރަނގަޅަށް ކުރަން،" މަމްދާނީގެ ކެމްޕޭނަށްވެސް ތައުރީފު ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާއެކު އޮތް ބައްދަލުވުމުގައި މަމްދާނީވެސް ވިދާޅުވީ، ކެމްޕޭން ތެރޭގައި އޭނާ ވެފައިވާ ވައުދުތައް ފުއްދުމާއި ގުޅޭގޮތުން ރައީސް ޓްރަމްޕާ މަޝްވަރާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ، ދެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އެބަހުރި ކަމަށެވެ. ނަމަވެސް، ޓްރަމްްޕްގެވެސް ވިސްނުންފުޅު ހުރީ ނިއު ޔޯކު ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒަށް ކަމަށެވެ.

ޓްރަމްޕްއާއި މަމްދާނީއާ ދެމެދު ޚިޔާލުތަފާތުވާ ދާއިރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މަމްދާނީ ވިދާޅުވީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ދެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުން ބިނާވީ އަޅުގަނޑުމެންގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ މައްޗަކަށް ނޫން. ނަމަވެސް ނިއު ޔޯކުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒަށް." މަމްދާނީ ވިދާޅުވިއެވެ.

ނިއު ޔޯކުގެ މޭޔަރު ހޮވުމަށް އޮތް އިންތިޚާބުގެ ކެމްޕްނޭނުގައި ދެބޭފުޅުންވެސް ވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ. ޚާއްސަކޮށް ރައީސް ޓްރަމްޕް ވަނީ މަމްދާނީއާ ދެކޮޅަށް ވަރަށް ގަދައަށް ވާހަކަ ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *