ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު، ރައީސް މުއިއްޒު ކުރެއްވި ކަމަކީ "ފޮނި ކަނޑާފައި އަޗާތެޅުން" ކަމަށާއި، ދެ އަހަރު ވެގެންދިޔައިރު މި ސަރުކާރަށް ބޯހިޔާވަހިކަމުގެ އެންމެ ގާކޮޅެއްވެސް ބައިންދާލެވިފައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މީގެކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި ހިނގާ އަހަރަކީ ބޯހިޔާވަހި ކަމުގެ ރަން އަހަރު ކަމުގައެވެ. އަދި މި އަހަރުގެ ބަޖެޓްވެސް ޚާއްސަކުރީ ބޯހިޔާވަހި ކަމަށް ކަމުގައި ޔާމީން ވިދާޅުވިއެވެ. އަދި ބޯހިޔާވަހި ކަމަށް ރެކޯޑް އަދަދެއް ވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ބޯހިޔާވަހި ކަމަށް ހުރި ފައިސާކޮޅު ހުސްކޮށްލިއިރު، އެކަމަށް އެންމެ ގާކޮޅެއްވެސް ނުބޭންދި އަހަރު ނިމެނީ ކަމަށެވެ.
"ގާތްގަނޑަކަށް 2،000 މިލިއަން ރުފިޔާ ހޭދަކޮށްލިއިރު، އަދި ބޭންދުނު ގާކޮޅެއް ނެތް،" ޔާމީން ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައި ވަނީ ބޯހިޔާވަހިކަން އެންމެންނަށް ދިނުމުގެ ސިޔާސަތުގެ ތެރެއިން މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށެވެ.






