އއ. މާޅޮހުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އިއްޔެ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި ދައުވާ އުފުލާފައިވަނީ މަރާލެވުނު އަބްދުއްރަހްމާން ނިދާފައި އޮއްވައި އޭނާއަށް ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ ތިން މީހެއްގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު، އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް އަދި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސްގެ މައްޗަށް ކަމަށެވެ.
އާޝިދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ވިސާމާއި ފާރިސް އަށް ކޮށްފައިވަނީ ހަމަ އެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި ތިން މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.
އަބްދުއްރަހްމާން މަރުވީ މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގެ، މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭނާއަށް ހަމަލާދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ. ހަމަލާތަކާ ގުޅިގެން އަބްދުއްރަހްމާން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް މަރުވީ އެވެ.
އަބްދުއްރަހްމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންގާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ. މި މައްސަލަ އިއްޔެއާ ހަމައަށް ޕީޖީ އޮފީހުން ތަހުގީގުކޮށް ނިންމާފައިވާއިރު، މިހާރު ދައުވާ އުފުލުމާއެކު ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިގެންދާނެ އެވެ.






