ރައީސް މުއިއްޒު ދަމާލި ރަތް ރޮނގަކީ ގުއި ރޯނެއް، އުތުރު ތިލަފަޅުގައި ކުރިން ތިބި އިންޑިއާ މީހުން އަދިވެސް އެބަތިބި: ޝާހިދު

ރައީސް މުއިއްޒު ދަމާލި ރަތް ރޮނގަކީ ގުއި ރޯނެއް، އުތުރު ތިލަފަޅުގައި ކުރިން ތިބި އިންޑިއާ މީހުން އަދިވެސް އެބަތިބި: ޝާހިދު

* ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވި އުތުރުތިލަފަޅު އެއްބަސްވުން އޮތީ ތިޖޫރީގައި ރައްކާކޮށްފަ: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަންމަވާލެއްވެވި މިނިވަންކަމުގެ "ރަތް ރޮނގު" އެއީ ދިވެހި ރައްޔިތުން ގެންގޮސް ޖެއްސި "ގުއި ރޯނެއް" ކަމަށާއި، އުތުރު ތިލަފަޅުގައި ކުރިންވެސް ތިބި އިންޑިއާ މީހުން މިހާރުވެސް އެބަތިބި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅުވައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާހިދު ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ، އެއްވެސް އިރަކު އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ނެތް ކަމަށެވެ. ކުރިންވެސް އަދި މިހާރުވެސް އެ ތަނުގައި އިންޑިއާ ސިފައިން ނެތް ކަމަށެވެ. ނަމަވެސް އެތަނުގައި ކުރަމުންދާ އެކިއެކި މަސައްކަތް ކުރުމަށް އިންޑިއާގެ މަސައްކަތްތެރިން އޭރުވެސް އަދި މިހާރުވެސް ތިބި ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެ އަޅުވެތިވެ، މި ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، މި ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އަދި ފިސާރި ފުޅާކޮށް މިނިވަންކަމުގެ ރަތް ރޮނގެއް ދަންމަވާލައްވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށާއި، އެތަން އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށެވެ. ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުން ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަ ކުރައްވާނެ ކަމަށެވެ." ޝާހިދު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ރައީސް މުއިއްޒުގެ ސަރުކާރަށް ހާމަ ކުރަން ނުކެރުނުކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އައްޑޫގައި އިންޑިއާގެ އެހީތެރިކަމާއެކު ބިނާކުރި ޕޮލިސް ޓްރެއިނިން ސެންޓަރަކީވެސް އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންގެ ވިސްނުން ތަޣައްޔަރު ކޮށްފައިވާ ކަމަށެވެ.

"ދަންމަވާ ލައްވާނެ ކަމަށް ވިދާޅުވި ރަތް ރޮނގަކީ އިސްވެ ދެންނެވުނު އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވަވަޑައިގެންނެވި ވައުދު ފުޅެކެވެ. ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު ނަތީޖާއަކީ ކޮބައިތޯއެވެ. އުތުރު ތިލަފަޅުގައި އޭރުވެސް ތިބި އިންޑިއާ މީހުން މިއަދުވެސް އެބަތިއްބެވެ. މިއަދު ހުދު ރައީސް މުއިއްޒު ވެސް ގަބޫލު ކުރައްވާފައިވާ ހަގީގަތަކީ އުތުރު ތިލަފަޅު އަޅުވެތި ކޮށްގެން އެތަނުގައި އިންޑިއާ ސިފައިން އެއްވެސް އިރަކު ނެތް ކަމެވެ. ހާމަވެގެން ދިޔައީ އެއީ އިންޑިއާގެ ތަނެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކުގެ އަސްލު ހަގީގަތަކެވެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް އޮތީ ތިޖޫރީގައި ރައްކާކޮށްފައި ކަމަށެވެ. އަދި ދައުލަތުން އެއްބަސްވާ ހުރިހާ އެއްބަސްވުމަކީ އެއެއް މިއެއް ބެލުމެއްނެތި ހާމަ ނުކުރެވޭނެ އެއްބަސްވުން ތަކެއްކަން އެނގި ހުންނަވާމެ، ޑިޕްލޮމެޓިކް ހަގީގަތްތައް އޮޅުވާލައްވާ، ހެއްދެވި ބޮޑު ދޮގު މިއަދު މިއޮތީ ދިވެހި ރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ފެންނަން ކަމަށްވެސް ވިދާޅުވިއެވެ. އަދި އައްޑޫ ޕޮލިސް ޓްރެއިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ދެއްކެވިހާ ވާހަކަތަކުގެ އަސްލު ހަގީގަތް މިއަދު މިއޮތީ މާ ސާފުކޮށް ފެންނާން ކަމަށްވެސް ވިދާޅުވިއެވެ.

"ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރު، ފެންނާން އޮތް ހަގީގަތަކީ ދަންމަވާ ލައްވާނެކަމަށް ވިދާޅުވި ރަތް ރޮނގަކީ ރައްޔިތުން ޖެއްސެވި "ގުއި ރޯނެއް" ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *