ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު، ފެނިގެން ދިޔައީ ވެރިކަން ހޯއްދަވަން ހެއްދެވިހާ ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް ފަޅާ އަރައި ފަލީޙަތްވީ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެއަހަރު ފުރުމާއި ގުޅިގެން، އޮންލައިން ނޫހެއްގައި ޝާހިދު ލިޔުއްވި އާޓިކަލެއްގައި ވިދާޅުވީ، ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އިގުތިސޯދީ ކުރިއެރުން ހޯދައިދީ، ޖީބުތައް ތަނަވަސްކޮށްދީ، ތަރައްގީ އާއި ތަމައްދުނުގެ ރޮނގުން ގައުމު އާ އުސްމިނަކަށް ގެންގޮސް ދެއްވާނޭ ކަމުގެ ވައުދުތަކާ އެކުގައި ކަމަށެވެ.
"އެހެންނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފާއިތުވިއިރު ގައުމާއި ރައްޔިތުންގެ ހާލަތު މިއަދު މިއޮތީ ކިހިނެއްތޯއެވެ. މި ހާލަތުން އަރައިގަނެވޭނެ މަގު ހޯދަން މިއަދު ޖެހިފައި ނުވޭތޯ އެވެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި ގުނާ އަދަދު ނުކުރެވޭހާ ގިނަ ވައުދުތަކުގެ މައްޗަށް މިނިވަން ވިސްނުމަކުން ވިސްނާ ފިކުރުކުރާން މިއަދު ނުވޭތޯ އެވެ. ރައީސް މުއިއްޒު ވެރިކަން ހޯއްދެވުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިހުލާސްތެރިކަން ހުރިނެތް މިންވަރާއި، ވައުދު ފުއްދެވުމަށް ފާއިތުވި މުއްދަތުގައި މަސައްކަތްތަކެއް ކުރެއްވިތޯ ނުވަތަ ނޫންތޯ އާއި، މިއަދު ފެންނާން ހުރި ނަތީޖާތަކުގެ މައްޗަށް ނަޒަރު ހިންގާ، ކުރިމަގާމެދު ވިސްނާ ފިކުރުކޮށް، އެކަށޭނަ ފިޔަވަޅު އަޅާން ނުވޭތޯ އެވެ." ޝާހިދު ސުވާލު ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީއަށް ކުރެވިދިޔަ ގިނަގުނަ މަސައްކަތްތަކާއެކު، އެ ފަސް އަހަރު ނިމުނު އިރު ގައުމުގެ އިގުތިސޯދު ކުރިއަރައި، ރައްޔިތުންގެ މާލީ ތަނަވަސްކަން ވަނީ އިތުރުވެފައި ކަމަށެވެ.
"އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނެ ރާސްތާ އެމްޑީޕީއިން ދައްކަމުން ދަނިކޮށް، ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓުދިނީ އިތުރު ހެޔޮ ބަދަލެއް އަންނާނެކަމުގައި ފޮނި އުއްމީދުގައި ކަން ކަށަވަރެވެ. ޕީއެންސީގެ ވައުދުތަކަށް އިތުބާރާއި ޔަގީންކަން ދީގެންނެވެ. އެ އިތުބާރުގެ މައްޗަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ." ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވިދާޅުވީ ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަދި އޭގެ ވެސް ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައި ވާކަމަށެވެ. އަދި އެއަށްފަހު ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ސީދާ ޔޫރަޕުން އެތެރެކޮށް، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޭސްތައް އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނޭކަމުގެ ފޮނި ވައުދު ކަމަށެވެ. އަދި އާސަންދައިން ބޭސްފަރުވާ ކުރެވޭނެ މަގު ބެންކޮކުންނާއި ދުބާއީ ފަދަ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ފަހިކޮށްދޭނެ ކަމަށްވެސް ރައީސް މުއިއްޒު ދައުރުގެ ކުރީކޮޅު ވައުދު ވެވަޑައިގެންނެވި ކަމަށެވެ. މީގެއިތުރުން ޑޮލަރުގެ އަގު ދެން މަތި ނުވާނޭ ކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނޭކަމަށް ވިދާޅުވެ އެތަކެއް ހުވަފެންތަކެއް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްކެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައީ އެވެ. ތުރުކީން އަންނަ ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެއާއި ހަމައަށް ނުފޯރަ އެވެ. ޔޫރަޕުން ރާއްޖެއަށް އެތެރެކުރާނޭ ކަމަށް ވިދާޅުވި ބޭސް، ދެ އަހަރު ފާއިތުވެގެން ދާއިރުވެސް ރައްޔިތުންނަށް ނުލިބެ އެވެ. ޔޫރަޕުން ބޭސް ލިބެމުން ނުދާތާނުގައި، ރާއްޖޭގެ ބޭސް ފިހާރަތަކުން ބޭސް ލިބުންވެސް ވަނީ ތަދު ބޭހަކަށް ވެފައެވެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޑޮލަރުގެ އަގު މަތިވެގެން ނުދާނޭކަމަށް ވިދާޅުވެ ވީ ވައުދުވެސް ވެގެން ދިޔައީ ބިލާހަކަށް ކަމަށެވެ.
"ދިވެހި ތާރީހުގައިވެސް ޑޮލަރުގެ އަގު މަތި ނުވާ މިންވަރަށް އުފުލި، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިގެން ދިޔައީ އެވެ. ތަކެތީގެ އަގު އަތް ނުފޯރާފަށަށް އުފުލި، ރައްޔިތު މީހާ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިވެ އިނދަޖެހިއްޖެ އެވެ." ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވައުދު ވެވަޑައިގެންނެވި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ތަކަކީ މިއަދު ދައްކާ ކޮޅުން ލާންހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ވައުދަކީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ތަރައްގީގެ އެންމެ ބޮޑު ވައުދު ކަމަށެވެ. ހިނގަމުން މިދާ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ފުރިހަމަ ބޯހިޔާވަހިކަމެއް ނުލިބޭ ހަމަ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދު ޝާހިދު ފާހަގަ ކުރެއްވިއެވެ.
"ދެ އަހަރުފުރުނުއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަމެއް ފޯރު ކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށްޓަކާ އެޅުއްވި ބިންގަލެއް ކީއްކުރަންތޯއެވެ. ބޭއްވެވި އެންމެ ގާބުރިއެއް ވެސް މިއަދާއި ހަމައަށް ފެންނާކަށް ނެތެވެ. ބަދަލުގައި ފެނިގެން މިދަނީ، ތަރައްގީގެ މަޝްރޫއުތަކަކީ ސިޔާސީ ފަރާތްތަކުގެ ޖީބުތައް ތަނަވަސްކުރުމަށް ހިންގަވާ ކޮރަޕްޝަންގެ ބޮޑު ސްކޭމަކަށް ހެއްދެވި ތަނެވެ. އާންމުކޮށް އިއުލާން ކުރުމަކާ ނުލާ 200 ޕްރޮޖެކްޓް ރައީސް މުއިއްޒުއަށް ވާގިވެރިވާ ސިޔާސީ ފަރާތްތަކާއި ގުޅުންހުރި ކުންފުނިތަކަށް ބައްސަވާލެއްވީ، ރައްޔިތުންގެ ބޭންކުގައި ހުރި ދިވެހިރައްޔިތުންގެ ފައިސާއިން 2.7 ބިލިއަން ރުފިޔާ ނަންގަވައިގެންނެވެ. އެއީވެސް ރައްޔިތުންގެ ހިއްސާއޮތް ޤައުމީ ބޭންކުގެ ހިއްސާދާރުންގެ ގާތުން "ހޭ"ވެސް އަނހާލުމަކާ ނުލަ އެވެ." ޝާހިދު ވިދާޅުވިއެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރަކީ ދިވެހި ގައުމަށް އަނދިރިކަން ގެނުވި ދެ އަހަރެވެ. އެތައް ގުނައަކުން ގައުމު ފަހަތަށް ސޮއްސާލި ދެ އަހަރެވެ. ރައްޔިތުންނަށް ނިކަމެތިކަމާއި މާޔޫސްކަން ގެނުވި ދެ އަހަރެވެ. މި ދިވެހި ގައުމުގެ މާލިއްޔަތު ލޫޓުވާލި ދެ އަހަރެވެ." ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވެރިކަމަށް އަންނަން ވެގެން އިންޑިއާ އާއި ގުޅުވައި ދެއްކެވި ވާހަކަތައްވެސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން މިހާރު ސާފު ވެފައިވާ ކަމަށެވެ.






