ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާދޭހާ ހިނދަކު އިޒްރޭލް މީހުންނަށް ރާއްޖޭން މަރުޙަބާ ނުކިޔާނެ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާދޭހާ ހިނދަކު އިޒްރޭލް މީހުންނަށް ރާއްޖޭން މަރުޙަބާ ނުކިޔާނެ: ރައީސް

ފަލަސްތީނު ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު ރާއްޖެއިން އިޒްރޭލު މީހުންނަށް މަރުޙަބާ ނުކިޔާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަސްތީނުގެ ދިފާޢުގައި މިރޭވެސް ވާހަކަފުޅު ދައްކަވައިފި އެވެ.

މުޅި ދުނިޔޭގައިވެސް ފަލަަސްތީނާއި އެއްކޮޅު އެންމެ ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. އެ އަޑު އިތުރަށް ގަދަކުރެއްވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގަ އެވެ.

މިރޭ އޮތް "ދިވެހީންގެ ރާއްޖެ" ޖަލްސާގައި އެއްވެފައިވާ އެތައް ހާސް ބަޔަކާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ އެކުވެރިކަމާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމަކާއެކު ގުޅުން ބަދަހި ކުރައްވާ ކުރިއަށް ދިއުން ކަމަށެވެ. އެކަމުގައި ރާއްޖެއިން ވަކިވަކި ޤައުމުތަކާއި ތަފާތު ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް އެކަމުގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލް ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން މަރުޙަބާ ނުކިޔާނެ ކަމަށެވެ.

"އެއީ އެންމެ ކައިރި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ދުރު ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ކުދި ޤައުމުތައް ކަމުގައި ވިޔަސް، އެންމެ ބޮޑެތި ޤައުމުތައް ކަމުގައި ވިޔަސް އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާއި މި ގައުމުން ގާތް ގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކުން އިޒްރޭލު މީހުންނަކަށް ނެތް މަރުޙަބާ ކިޔުމެއް," ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެފަދަ ހިތްވަރު ގަދަ ނިންމެވުމެއް ނިންމެވުނީ ދިވެހި ރައްޔިތުން އެކަމަށް އެދޭތީ އެވެ.

އެކަމަށް ވަަރަށް ފިތުން ވެސް އައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަދު ބަޔަކު ބޭނުންވާހާ ކަމަކަށް މި ޤައުމުގައި ފުރުސަތު ނޯންނާނެ ކަމަށެވެ.

ރާއްޖެއިން އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން ރައީސް ނިންމެވުމުން އެކަމަށް ދިވެހީން ދިނީ ވަރަށް ހޫނު ތަރުޙީބެކެވެ. އަދި އެއީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށް ރައްޔިތުން ސިފަކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *