ދިވެހި ބަސް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެން: ރައީސް

ދިވެހި ބަސް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެން: ރައީސް

ދިވެހި ބަސް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑޮކްޓަރ ޢާމިނަތު ޒާހިރުއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީ.އެޗް.ޑީ. ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި މި ފުރުޞަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އާއި، ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ދިވެހިބަސް ކުރިއެރުވުމަށާއި، ދިވެހިބަހުގެ ރޮނގުން މީހުން ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދެއްވާ އަހައްމިއްޔަތު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލު ކުރަންވީ ގޮތްތައް ދެނެގަތުމެވެ. ޑޮކްޓަރ އާމިނަތު ޒާހިރުގެ ތީސީސްގެ ކޮޕީއެއް މި ބައްދަކުރެއްވުމުގައި، އޭނާވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޑޮކްޓަރ އާމިނަތު ޒާހިރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *