ޓެންޒޭނިޔާ: އިންތިހާބަށްފަހު ހަމަނުޖެހުން އިތުރުވެ، ރައީސާ ސާމިއާގެ ވެރިކަމަށް ގޮންޖެހުންތައް

ޓެންޒޭނިޔާ: އިންތިހާބަށްފަހު ހަމަނުޖެހުން އިތުރުވެ، ރައީސާ ސާމިއާގެ ވެރިކަމަށް ގޮންޖެހުންތައް

ކުރީގައި ސިޔާސީ ހަމަޖެހުމަށް މަޝްހޫރުވެފައިވާ ޓެންޒޭނިޔާ، މިހާރު ވަނީ ގައުމީ އިންތިހާބާމެދު ޖެހުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ފެށުނު މުޒާހަރާތަކުގެ ސަބަބުންނާއި ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ހެދި ހަމަނުޖެހުމާ ކުރިމަތިލާންޖެހިފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުގެ ފުރަތަމަ އަންހެން ވެރިޔާ، ރައީސާ ސަމިއާ ސުލުހު ހަސަން ވަނީ ގިނަގުނަ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހި، އިސްލާހުވެރިއެއްގެ ގޮތުގައި އަދި ސުލްހަވެރިކަން ގެނެސްދޭ ވެރިއެއްގެ ގޮތުގައި އޭނާގެ ނަމަށް ލިބިފައިވާ ޝަރަފަށް ނުރައްކާވެފައެވެ.

މި ހަމަނުޖެހުންތައް ފެށުނީ އިންތިހާބާބެހޭ ކޮމިޝަނުން ރައީސާ ސާމިއާގެ ވެރިކަންކުރާ ޗަމާޗާ މަޕިންދުޒީ (ސީސީއެމް) ޕާޓީ ވާދަވެރި އިންތިހާބެއްގައި ކާމިޔާބުކުރި ކަމަށް އިއުލާންކުރުމާ ގުޅިގެންނެވެ. އިދިކޮޅު ލީޑަރު ފްރީމަން އެމްބޯވީ އަދި އޭނާގެ ޗަދެމާ ޕާޓީން އިންތިހާބުގެ ނަތީޖާ ބަލައިނުގަނެ، ފުޅާ ދާއިރާއެއްގައި އިންތިހާބީ އުސޫލުތަކާ ހިލާފުވުންތައް ހިނގާފައިވާ ކަމަށާއި، ވޯޓު ފޮށިތަކަށް އަތްގަދަކުރުމާއި، އިންތިހާބު މޮނިޓަރުކުރި ފަރާތްތަކަށް ބިރުދެއްކުން ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މިދިޔަ ދުވަސްތަކުގައި ދާރު އައް ސަލާމް އަދި އަރޫޝާ ފަދަ ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ފެށި، އިންތިހާބު އަލުން ބޭއްވުމަށާއި އިންތިހާބާބެހޭ އިސްވެރިން ވަޒީފާއިން ވަކިވުމަށް މުޒާހަރާކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅާލުމުގެ ގޮތުން ކަރުނަގޭސް އަދި ލައިވް ވަޒަން ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުން މަރުވެ ގިނަބަަޔަކުވަނީ ޒަހަމްވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި އަނިޔާވެރިކަން ކުށްވެރިކޮށް، ސަރުކާރުން ކުރީގެ ރައީސް ޖޯން މަގުފުލީގެ ވެރިކަމުގައި ފެނުނު އަނިޔާވެރި އުކުޅުތައް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މަގުފުލީގެ މަރުވުމަށްފަހު 2021 ގައި ވެރިކަމާ ހަވާލުވި ސާމިއާގެ، ފުރަތަމަ ސިޔާސީ މައިދާން ތަނަވަސްކޮށް، ހައްޔަރުކޮށްފައި ތިބި ސިޔާސީ ފަރާތްތައް މިނިވަންކޮށް، ޑިމޮކްރެޓިކް އިސްލާހުތައް ގެންނަން ވައުދުވުމުން ގިނަބަޔަކުގެ ތާއީދު ލިބުނެވެ. ނަމަވެސް މިހާރު އޭނާގެ ސަރުކާރަށް ވަނީ ސިޔާސީ ހިޔާލު ފާޅުކުރުން ހަނިކުރުމާއި އިންތިހާބީ ހާމަކަން ނެތިކުރުމުގެ ތުހުމަތުތަކާ ކުރިމަތިލާންޖެހިފައެވެ.

ގައުމާ މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ސާމިއާ ވަނީ އިންތިހާބުގެ ނަތީޖާ ދިފާއުކޮށް، އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، "އިސްތިގުލާލާއި ސުލްހަވެރިކަން ދެމެހެއްޓެންޖެހޭނެ" ކަމަށް ބާރުއަޅައިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މި ހަމަނުޖެހުންތަކުން ހާމަވަނީ ޓެންޒޭނިޔާގެ ރައްޔިތުންގެ މެދުގައި އޮތް އިތުރު ކަންބޮޑުވުންތަކެވެ. އޭގެތެރޭގައި އިގްތިސޯދީ ދަތިތަކާއި، ވަޒީފާގެ ފުރުސަތު ނެތުމާއި، ސަރުކާރުގެ މުއައްސަސާތަކަށް އޮތް އިތުބާރު ދަށްވަމުން ދިޔުން ހިމެނެއެވެ. ފާއިތުވި އަހަރުތަކުގައި ގައުމުގެ އިގްތިސޯދު ހަރުދަނާކޮށް ކުރިއަރަމުން ދިޔަ ނަމަވެސް، ދިރިއުޅުމުގެ ހަރަދުތައް އިތުރުވުމާއި ސިޔާސީ ގޮތުން ހިތްހަމަނުޖެހުން އިތުރުވުމުގެ ސަބަބުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި ރުޅިވެރިކަން ދަނީ އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *