އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން، 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިޔަނަށް އަރާނެކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މުސާ ވިދާޅުވެއްޖެއެވެ.
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ މި ސަރުކާރުން ދައްކާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ ދަރަނި ހުރީ 115 ބިލިއަން ރުފިޔާގައި ކަމަށެވެ.
"އޭގެ މާނައަކީ މުޅި ދައުލަތުގެ ދަރަނީގެ 27% އަކީ މި ސަރުކާރުން މި ތިން އަހަރު ތެރޭގައި އުފައްދާ ދަރަންޏޭ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް މި ސަރުކާރުގެ މިދިޔަ ދުވަސް ތަކުގައި ދަރަނި ނަގާފައި ވާކަމަށެވެ. އަދި ދައުލަތުގެ ދަރަނި ދައްކަމޭ ބުނި ނަމަވެސް މި ސަރުކާރުން ދަރަނި ދައްކަމުން ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދަރަނި ދައްކަނީކީ ނޫން، ޗައިނާއިން ނެގި ހުރި ދަރަންޏެއް އަނެއްކާވެސް އިތުރަށް ލޯނެއް ނަގައި އިންޓަރެސްޓާ އެއްކޮށް ދައުލަތަށް ދައްކަން މަޖުބޫރުވާ ހާލަތުގައި ރ-ީފައިނޭންސްކޮށް މިހާރު ވަނީ އެ ދަރަނިތައް ފަހުގެ ތާރީހު ތަކަކަށް ލަސް ކުރެވިފައި،" ޣަފޫރު ވިދާޅުވިއެވެ.
އެއީ ދަރަނި ދެއްކުންނޫން ކަމަށާއި، އަންނަ އަހަރުގެ އެޕްރީލްމަހު ދައްކަންޖެހޭ ޕޭމަންޓު ދެއްކުމަށް ޓަކައިއިތުރަށް 400 މިލިއަން ޑޮލަރު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.






