188،359 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

188،359 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށްޓާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން 188000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއު މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ހުރިހާ ޖަޒީރާތަކެއްގެ ޑޭޓާ އެއްކުރުމަށް ލޯކަލް ކައުންސިލްތަކަށް ވަސީލަތްތައް ގާއިމް ކުރަމުންދާއިރު، ރިސޯޓުތަކަށްވެސް ފުޅާކުރުމަށް މިދަނީ މަސައްކަތްކުރަމުން. 30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވޭ" އިހްސާން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *