206 މަޝްރޫއު ހަވާލުކުރި ކުންފުނި ތަކަށް ފައިސާގެ ތާއްޓެއް ނުވާނެ، ބަރާބަރަށް ފައިސާ ލިބޭނެ: ރައީސް

206 މަޝްރޫއު ހަވާލުކުރި ކުންފުނި ތަކަށް ފައިސާގެ ތާއްޓެއް ނުވާނެ، ބަރާބަރަށް ފައިސާ ލިބޭނެ: ރައީސް

206 މަޝްރޫއެއް ހިންގަން އިއްޔެ ހަވާލުކުރި އަމިއްލަ ކުންފުނި ތަކަށް ފައިސާ ލިބުމުގައި އެއްވެސް ތާށިކަމެއް ނާންނާނެ ކަމަށާއި، އެ ކުންފުނި ތަކަށް ބަރާބަރަށް ފައިސާ ދޫކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، 206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންގޮސް، ޚާއްޞަ ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މަސައްކަތް ޙަވާލުކުރެއްވި ހުރިހާ ކުންފުންޏަކީ، އިތުބާރު އޮތް ކުންފުނިތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި ކުންފުނިތަކުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި މަސައްކަތް ކުރަން ތަކެތި މޮބިލައިޒްކުރަން ފަށާނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާ ކަމަށާއި މި މަޝްރޫއުތައް ހަވާލު ކުރެވުނީ ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށް ޖަހައި، ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުންފުނިތަކާއި މަޝްރުޢޫތައް ޙަވާލު ކުރައްވާފައި ވަނީ، ތިން އަހަރު ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން، ބޭންކުން ބޭނުންވާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަ ކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ލަސްކަމެއް، މި ސޮއި ކުރެވުނު އެއްވެސް މަޝްރޫޢަކަށް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން ދެއްވައި، ކުންފުނިތަކުން މަސައްކަތް ނިންމައި، ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މިކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުންވެސް ދެއްވަންޖެހޭ ފުރިހަމަ އެއްބާރުލެއްވުން ކުންފުނިތަކަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫޢުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *