އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހަމަދު ސަލީމް އަދި ނާއިބު މުގައްރިރަކަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބު ކޮށްފިއެވެ.
ފިނޭންސް މިނިސްޓަރ މޫސާޒަމީރު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ގައެވެ. މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުން ދިރާސާ ކުރުމަށް ވަނީ ބަޖެޓް ކޮމިޓީއަށް ފޮނުވައިފައެވެ.
ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، މަޖިލިސް ގަވާއިދު ބުނާގޮތުން އެ ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީ އަކުންނެވެ. އެ ކޮމިޓީގެ ނަމަކީ ބަޖެޓު ދިރާސާކުރާ ކޮމިޓީ އެވެ.
އެގޮތުން މިއަދު ބޭއްވި ބަޖެޓް ކޮމީޓީގެ ފުރަތަމަ ބައްދަލުވުމުގައި، މުގަައްރިރާއި ނާއިބު މުގައްރިރު ހޮވުމުގެ އިތުރުން، ވޯކިން ކޯރަމާއި ވޯޓިން ކޯރަމާއި ކޮމިޓީން މަސައްކަތް ނިންމާނެ ސުންގަޑި ވަނީ ފާސް ކޮށްފައެވެ.
އެގޮތުން 22 މެންބަރުން ތިއްބަވާ މި ކޮމިޓީގެ ވޯކިން ކޯރަމާއި ވޯޓިން ކޯރަމަކީ 12 ކަމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ކޮމިޓީގެ މަސައްކަތް ނިންމާ ސުން ގަޑިއެއްގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަސް ވަނީ ކަނޑައަޅައިފައެވެ.






