އެފްއެސްއެމް ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް މެމްބަރުންގެ ފޯން ކޯލުތަކާއި ރިކްއެސްޓްތައް: އެމްޑީ

އެފްއެސްއެމް ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް މެމްބަރުންގެ ފޯން ކޯލުތަކާއި ރިކްއެސްޓްތައް: އެމްޑީ

އެކި މައްސަލަތަކާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންނާމެދު އެ ކުންފުނީގެ މެނޭޖުމަންޓުން އަޅާ ފިޔަވަޅުތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ނުގުޅުއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އާޝާން މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

އެފްއެސްއެމްގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކޮރަޕްޝަން މައްސަލަތައް މާލިއްޔަތު ކޮމިޓީން މީގެކުރިން ތަހުގީގު ކުރުމަށްފަހު، ކޮރަޕްޝަން މައްސަލަތައް ހުޓުވުމަށް މަޖިލީހަށް ހުށަހަޅައިގެން ރެކޮމެންޑޭޝަން ތަކެއް އެފްއެސްއެމްގެ މައްޗަށް ވަނީ ފާސް ކޮށްފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ އެ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރާ މިންވަރު ބެލުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ކޮރަޕްޝަން ފަދަ މައްސަލަތައް ހުއްޓުވުމަށް މުވައްޒަފުންނަށް ފިޔަވަޅުއަޅާ މައްސަލައިގައި އާޝާން ވިދާޅުވީ، އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މެންބަރުންގެ ފޯނު ކޯލުތަކާއި ރިކުއެސްޓްތައް ކަމަށެވެ.

އެގޮތުން އެކި މައްސަލަތަކުގައި މުވައްޒަފުން ވަކި ކުރަންޖެހޭ ހާލަތްތަކާއި، މައްސަލަ ފުލުހަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގަން ތިއްބަވާ ބޭފުޅުންނަށް ސިޔާސީ ފަރާތްތަކުން ގުޅަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ނަޒާހަތްތެރިކަމާއެކު، ކަންކަން ކުރުމަށް ހުރިހާ އެންމެންވެސް އެއްބާރުލުން ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމާ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަށް ނުގުޅުއްވާށޭ، އަޅުގަނޑުމެން ވަޒީފާއިން މީހަކު ވަކިކުރަން ބޭނުންވާ ހިނދަކު. ނޫނީ ޕޮލިހަށް އެ މައްސަލަ ހުށަހަޅަން ބޭނުންވާ ދުވަހަކު އެއްވެސް ބޭފުޅަކު އަޅުގަނޑުމެން ދެމީހުންނަށް މެސެޖެއްވެސް ނުކޮށްލިއްޔާ އަޅުގަނޑުމެންނަށް ރަނގަޅީ،" އާޝާން ވިދާޅުވި އެވެ.

އެހެންކަމުން ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މިފަދަ މައްސަލަތައް ހައްލުކޮށް، ހަރުދަނާ ކަމާއެކު ހިންގޭނީ ސިޔާސީ މީހުން ނުފޫޒު ފޯރުވުން ހުއްޓާލުމުން ކަމަށްވެސް އާޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންކަން މިދަނީ ރަނގަޅު ކުރަމުން. އަޅުގަނޑުމެން މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން، މި މޭޒުވަށައި ތިއްބެވި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އެހީތެރިވެގެންނޭ އެކަން ކުރެވޭނީ. އަޅުގަނޑުމެން މީހަކު ކަނޑާލަން ކޮމިޓީއަކުން ނިންމީމަ ނޫނީ ޗިޓު ދޭ ހިސާބުން އެއްވެސް ބޭފުޅަކު ނުގުޅީމައޭ އެކަން ތަންފީޒު ކުރެވޭނީ،" އާޝާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *