ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްވެރި ހެތްކާބެހޭ ގާނުނަށް އިސްލާހު ގެނައުމުގެ ބިލުން އެ ގާނޫނު ބައްޓަން ކުރަންވާނީ، ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ މަސްދަރު ހާމަކުރުމާ ބެހޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުން ހުރި މައްސަލަތައް ހައްލު ކުރެވޭނެ ގޮތަށް މި އިސްލާހުގައި ބަޔާންކޮސްފައި ވާކަމަށާއި، ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވި، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށެވެ.
"އެހެންވީމާ އެކަންތައްތައްވެސް ހަމަ ދިރާސާކޮށް، އަޅުގަނޑުމެން މަސްދަރު ހާމަކުރުމާ ބެހޭގޮތުން ނޫސްވެރިން އެ ބޭނުންވާ ގޮތަށް، ނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަކަށް މި ގާނޫނު ބައްޓަން ކުރުމަކީ މުހިއްމު ކަމެއް އަދި އެކަން މި ގެނެވޭ އިސްލާހުން ހާސިލްވާނެ ކަމަށް ބިލްގައި ވަރަށްބޮޑަށް ބާރު އަޅާފައިވޭ،" ނާޒިމް ވިދާޅުވިއެވެ.
މި ބިލުގައި ބުނެފައިވަނީ، މި ބިލް ހުށަހެޅުމުގެ ބޭނުން ތަކުގެ ތެރޭގައި، ނޫސްވެރިންނަށް މައުލޫމާތުދޭ މަސްދަރު ހާމަ ކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތް ގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުން ތަކަށް ހައްލެއް ހޯދުމަށް ބޭނުންވާ އިސްލާހުތައް ގާނޫނަށް ގެއުން ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، ނޫސްވެރިން މަސްދަރު ހާމާ ކުރަންޖެހޭ އިތުރު ހާލަތްތަކާއެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތް ވަނީ ހިމަނައިފައެވެ. އެއީ މީގެކުރިން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ، އެ ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމަށް ހިމަނާފައިވާ އިސްލާހެކެވެ.
މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް މިހާރު އޮތް ގާނޫނުގައި ބަޔާންކޮށްފައި ނުވުމުން މެޖިސްޓްރޭޓް ކޯޓަކުންވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވެއެވެ. އެހެން ކަމުން އެކަން ބަދަލު ކުރުމަށް މިބިލްގައި ހިމަނާފައި ވަނީ، އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށެވެ. އަދި އެ ހުށަހެޅުމާމެދު 24 ގަޑިއިރު ތެރޭގައި ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި، މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ހައި ކޯޓުން ނިންމާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 10 ދުވަހުގެ މުއްދަތެއް ދޭން ބިލުގައި ވަނީ ހިމަނައިފައެވެ.

								
								
											



