ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް، މުއްދަތު ކުރުކުރަން "ދިވެހި ރާއްޖޭގެ މަތީ ތައުލީމާތި ތަމްރީނުގެ ގާނޫނު،" އިސްލާހު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަމިއްލަފުޅު ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެން ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލްކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހި ރާއްޖޭގެ ޔުނިވާސިޓީ ހިންގޭނެ ޝަރުތުތައް މުރާޖައާކޮށް އިސްލާހު ކުރުން ކަމަށެވެ.
ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ގާނޫނުގައި މިހާރު އޮންނަނީ ކޮލަޖެއްގެ ގޮތުގައި ރާއްޖޭގައި މެދު ކެނޑުމެއްނެތި ހިނގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް ގެންނަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އިއްޔެ ފާސްކުރި އިސްލާހުގައި އެ މުއްދަތު ވަނީ 15 އަހަރަށް ކުޑަ ކޮށްފައެވެ.
ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ފުރިހަމަ ވާންޖެހޭ އިތުރު ހަތް ޝަރުތެއް ވެސް މި ބިލުގައިވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެދުވެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުމާއި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވުމެވެ.
މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.






