ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލުމުގެ ބިލުގެ ފުރަތަމަކިއުން ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ 10 ޖެނުއަރީ 2013 ގައި އަމަލުކުރަންފެށި ގާނޫނެކެވެ.
މިއީ، ގާނޫނުއަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.
މި ގާނޫނުގެ ބޭނުން:
ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، ސުލްވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަންކަމުގެ ހައްގުގެ ހަމަތައް ބަޔާންކުރުން.އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ ގަރާރުން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ރާއްޖޭގައި އިންތިޒާމްވެގެންވާގޮތް ބަޔާންކުރުން.މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ރާއްޖޭގައި އިންތިޒާމްވެގެންވާގޮތް ބަޔާންކުރުން.ވަކި މަސްލަހަތުތަކެއް ރައްކާތެރިކުރުމަށްޓަކައި، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ގާނޫނަކުން ހަނިކުރެވިދާނެކަމަށް މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިކުރެވިދާނެ ގާލަތްތައް ކަނޑައެޅުން.އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެމަތިން ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި، އެގޮތަަށް އެއްވެއުޅުމަކީ ތަބީއީ ޝަހްސުތަކަށާއި ގާނޫނީ ޝަހްސުތަކަށް ލިބިދޭ ހައްގެއް ކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމަކީ ތަފާތު ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރުމަށާއި، ތަފާތު ވިސްނުންތައް ހާމަކުރުމަށްއޮތް އަސާސީ ވަސީލަތެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ތަފާތު ވިސްނުންތަކާއި ހިޔާލުތަކާއި، އުސޫލުތަކާއި، ސިޔާސަތުތަކާއި، އާދަތައް ގެންގުޅޭ މީހުންނަށްވެސް އެކުގައި، އެއް މުޖުތަމައެއްގައި، އެކުއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ރައްކާތެރިކުރެވިގެން ވާންވާނެ ހަގެއްކަމަށާއި މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ، އަދި، މި ގާނޫނުގައި ބަޔާންގެންވާ މިންވަރަށް މެނުވީ، އެއްވެއެޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރެވިގެން ނުވާނެކަމަށް ވެސް މި ގާނޫނުގައި ބަޔާންވެގެންވެއެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުން، މިގާނޫނުން ރައްކާތެރިކޮށްދޭކަމަށް ކަނޑައަޅައި، އެފަަދަ އެއްވުންތަކަކީ ކޮބައިކަންވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުން ކަމުގައި ބެލެވޭނީ، އެ އެެއްވުމަކީ ސުލްހަވެރި މަގްސަދެއް ހާސިލުކުރުމަށް އެއްވާ އެއްވުމެއްކަމަށް، އެއްވުން އިންތިޒާމުކުރާ ފަރާތުން އަންގާފައިވުމާއެކު، އެ އެއްވުން ކުރިޔަށްދާ ދަނޑިވަޅުގައި، އެއްވުމުގައި އަނިޔާވެރި އަމަލެއް ނުހިނގުމާއި، އަނިޔާވެރި އަމަލަށް ހިތްވަރު ލިބިދޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ހަރަކާތްތައް ހިމެނިގެންނުވުމެވެ. އަދި މިފަދަ އެއްވުމެއްގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ކުރުމާއި އެފަދަ އަމަލަކަށް ހިތްވަރު ލިބޭ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި، މާރާމާރީ ހިންގުމަށް ނުވަތަ އެއްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް އެ އެއްވުމުގައި ގެންގުޅެގެންނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނު އެ މައްޗަކަށް ނުހިނގާނެ ކަންކަން:
ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.އެހެން ގާނޫނެއްގެ ދަށުން އިންތިޒާމުކުރެވިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.ވިޔަފާރީގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި ސަގާފީ ހަރަކާތްތައް.އެއްވުންތައް ސުލްހަވެރި ނުވާ ސަބަބުތަކުގެ ގޮތުގައި ދެ ސަބަބެއް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ އެއްވުމުގައި ވަކިބަޔަކު ދައްކާ ވާހަކައަކީ، ނުވަތަ އުޅޭގޮތަކީ އެހެން ބަޔަކަށް ނަފްރަތުކުރެވޭ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކަށް އުނދަގޫވާ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކު ގަބޫލުނުކުރާ ކަމަކަށްވުމެވެ. އަދި އެ އެއްވުން ކުރިއަށްގެންދިޔުމުގައި، އެހެން ފަރާތެއްގެ ހައްގަކަށް ނުވަތަ ހައްގުތަކަކަށް ހަމައެކަނި ވަގުތީގޮތުން އުނދަގޫވުން ނުވަތަ ހުރަސްއެޅިގެންދިޔުން ވެސް އޭގެ ތެ ރޭގައި ހިމެނެއެވެ.
"އެއްވުމުގައި ހިންގާ ކަންކަމުގެ ތެރެއިން، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާ އެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގަބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ، ޖިނާއީ ކުށެއް ނުވަތަ މަދަނީ ކުށެއްގެ ޢަމަލަށެވެ. ނުވަތަ ޖިނާއީ ކުށެއް ކަމަށް ޤާނޫނެއްގައި ކަނޑައަޅާފައިވާ ކުށެއްގެ ޢަމަލުގެ ރުކުންތަކުގެ ތެރޭގައިވެސް، ނުވަތަ އެކުށުގެ ތަބީއަތުގައިވެސް، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާ އެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގާބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ ޢަމަލު ހިމެނޭ ޖިނާއީ ކުށުގެ އަމަލަށް،"
އެއްވުމުގެ ވައްތަރުތަކުގެ ގޮތުގައި ނުވަ ބާވަތެއްގެ އެއްވުން މިގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނު ބުނާގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއްކަމުގައިވާތީ، އެ ހައްގު ބޭނުންކުރުމަށް ހުރި ހުރަސްތައް ވީވަރަކުން މަދުކުރުމަކީ، މި ގާނޫނުގެ އެއް ބޭނުމެވެ. އަދި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު، ހެޔޮގޮތުގައި، އަމަލީގޮތުން ބޭނުންކުރެވޭނެ އުސޫލުތައް ގާއިމުކޮށްދީ ހިފަހައްޓައިދިނުމަކީ، ދައުލަތުގެ މަސްއޫލިއްޔަތެއް ކަމށްވެސް ބުނެފައިވެއެވެ.
އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާތަކާއި އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި، މަސްއޫލިިޔައްތުތާއި، އެއްވެވޭނެ ތަންތަންވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެއްވުމުގެ ހައްގު ހަނިކުރެވޭނެ އުސޫލުތަކާއި، ހާލަތްތަކާއި، އެއްވުމުގެ ހައްގު ހަނި ނުކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވ.
ގައުމީ ސަލާމަތަށް ނުރައްކާވުމުގެ މިންގަނޑުތަކާއި، އާންމު ރައްކާތެރިކަން ދެމެހެއްޓުމުގެ މިންގަނޑު ތަކާއި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގެ މިންގަނޑުތަކާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މިންގަނޑު އާއްމު އަހްލާގީ މިންގަނޑު ރައްކާތެރިކުރުމުގެ މިންގަނޑު ތަކާއި އެހެން ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މިންގަނޑުތައްވެސް މި ގާނޫނުގައި ކަނޑާއަޅާފައިވެއެވެ.
އެއްވުމެއް ރޫޅާލުމާ ގުޅޭގޮތުން ފުލުހުންގެ ދައުރާއި، އެއްވުން ރޫޅައިލުމަށް ފުލުހުން އަމަކު ކުރަންޖެހޭނެ ގޮތްތަކާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކާއި ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދޭނެ ހާލަތްތައްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެކި ދައުރުތަކުގައި މި ގައުމަށް އިސްލާހު ގެނަސްފައިވާއިރު، މި ގާނޫނު އުވާލުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.





