ނޮވެންބަރު ތިންވަނަ ދުވަހު މާލޭ ބަނދަރުގައި އޮތް އޮމާނުގެ އަސްކަރީ މަނަވަރުން ރާއްޖެއަށް އެހީނުވީ ސަބަބު

ނޮވެންބަރު ތިންވަނަ ދުވަހު މާލޭ ބަނދަރުގައި އޮތް އޮމާނުގެ އަސްކަރީ މަނަވަރުން ރާއްޖެއަށް އެހީނުވީ ސަބަބު

1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ފަތިހު ދުޝްމަނުން މާލެއަށް ހަމަލާދޭން ފެށިއިރު މާލޭ ބަނދަރުގައި އޮމާނުގެ އަސްކަރީ މަނަވަރެއް އޮތެވެ. ސިފައިންގެ ހިފުމަށް ބަޑިޖަހަމުންދަނީ އެ މަނަވަރުންކަމަށް ހީވި ބަޔަކު ވެސް ތިއްބެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން އެނގުނީ އިރުއަރައި އަލިވި ފަހުންނެވެ. އެ މަނަވަރަށް އެ ދުވަހު މާލެ ތެރޭގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ބަޔަކު އަރައި އަސްކަރީ އެހީ ދިނުމަށް އެދުނެވެ. އެކަމަކު އެއްވެސް އެހީއެއް ނުވެ އެ މަނަވަރު ދިވެހިރާއްޖެއިން ފުރައިގެން ދިޔައީއެވެ. ކީއްވެގެން ހެއްޔެވެ؟
ނޮވެންބަރު ތިންވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި މާލޭ ސެންޓްރަލް ހޮސްޕިޓަލްގެ ރަޖިސްޓްރޭޝަނަށް ސިފައިންގެއިން ގުޅިއެވެ. (ސެންޓްރަލް ހޮސްޕިޓަލަކީ މިހާރުގެ އޭޑީކޭ ހޮސްޕިޓަލް ހުރި ތަނުގައި އޭރު ހުރި ސަރުކާރުގެ މައި ހޮސްޕިޓަލެވެ.) އެއީ ލެފްޓިނަންޓް އަޙްމަދު ޒާހިރަށް އައި ފޯނުކޯލެކެވެ. އޭރު އަޙްމަދު ޒާހިރު އުޅުއްވީ ދުޝްމަނުން ޖަހަމުންދިޔަ ވަޒަންތަކުންޒަޚަމުވެގެން ހޮސްޕިޓަލަށް ގެންނަމުންދިޔަ މީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހޮސްޕިޓަލުގެ އިސް ފަރާތްތަކާ ގުޅިގެން ހަމަޖެއްސެވުމުގައެވެ. ފޯނުން ސިފައިންގެއިން ވާހަކަ ދެއްކެވި ކެޕްޓަން އަޙްމަދު ނަޢީމް އެންގެވީ މާލޭ ބަނދަރުގައި އޮތް އޮމާނުގެ މަނަވަރަށް ދިއުމަށެވެ. މަނަވަރަށް ގޮސް ނިރުބަވެރި ޙަމަލާގެ ޚަބަރު ރާއްޖެއިން ބޭރަށް ދިނުމަށާއި އަސްކަރީ އެހީތެރިކަން ހޯދުމަށް ވާހަކަ ދެއްކުމަށެވެ.
ނޮވެންބަރު 3 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސިފައިންގެ ކޮމިއުނިކޭޝަން ޔުނިޓުގެ ތެރޭގައި ސިފައިން އޮޕްސް ރޫމެއް ޤާއިމުކޮށް މުއާސަލާތުކުރުމުގެ ކަންތައްތައް އިންތިޒާމުކުރިއެވެ. މި އޮޕްސްރޫމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވީ މޭޖަރ އާދަމް ޒާހިރެވެ. އޮޕްސް ރޫމް ޤާއިމުކުރިތަނާ ކަހަލަ ގޮތަކަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ފޯނު ކުރެއްވިއެވެ. އެ ފޯނު ނެންގެވީ އާދަމް ޒާހިރެވެ. ދުޝްމަނުން މާލެއަށް އަރައި ހަމަލާދެމުންދާކަމުގެ ޚަބަރު ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދެއްވަން ގަސްތު ކުރައްވާކަމަށާއި އެކަމުގެ ލަފާފުޅަކީ ކޮބައިތޯ ދެންނެވިއެވެ. އެވަގުތު ބޭރުގެ ޤައުމުތަކަށް ޚަބަރު ދެއްވުމަށް އަދި މާލޭ ބަނދަރުގައި އޮތް އޮމާނުގެ މަނަވަރުގެ އެހީތެރިކަން ސިފައިންނަށް ލިބޭތޯ ބެއްލުމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އޮމާނުގެ ރޯޔަލް ނޭވީ ޝިޕް އަލްމަބްރޫކަކީ އިނގިރޭސިލާތުގައި ބަނދެފައިވާ ކުޑަ މަނަވަރެކެވެ. އޮމާނުގައި ފުރަތަމަ މި މަނަވަރު ބޭނުންކުރީ އޮމާނުގެ ރަސްގެފާނުގެ ޝާޚީ ޔޮޓުކޮޅުގެގޮތުގައެވެ. ކަނޑުގެ ސިފައިން ތަމްރީނުކުރާ މަނަވަރަކަށް މި މަނަވަރު ބަދަލުކުރީ 1984 ވަނަ އަހަރުއެވެ. މި މަނަވަރު ރާއްޖެއައީ 1988 ނޮވެންބަރު 1 ވަނަ ދުވަހުއެވެ. މި މަނަވަރު މާލެއަށް ބަނދަރުކޮށް އޭގެ ސިފައިން މާލެ ފައިބައި މާލޭގެ މުހިންމު އެކި ތަންތަނަށް އޮތީ ޒިޔާރަތްކޮށްފައެވެ. މާލެތެރޭގައި އެ މަނަވަރުގެ މީހުން ކުރީދުވަހު އުޅޭތަން ފެނިފައިވާ ބައެއް މީހުންނަށް ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ބަޑިޖަހާއަޑު އިވެން ފެށުމުން އެއީ އެ މަނަވަރުން ސިފައިންގެއަށް ދެމުންދާ ހަމަލާއެއްކަމަށް ހީވީއެވެ. އެކަމަކު މި ހަމަލާއާ އެ މަނަވަރާ އެއްވެސް ގުޅުމެއްނެތެވެ.
ލެޕްޓިނަންޓް އަޙްމަދު ޒާހިރު މަނަވަރަށް ދުރުވުމަށް ސްޓާފް ސާޖަންޓް ޙުސައިން ޝާމާއި ޕްރައިވެޓް އަޙްމަދު ޢަލީ ގޮވައިގެން ލޯންޗެއް ހޯދުމަށް ނިކުންނެވިއެވެ. މާލޭގެ އުތުރު ފަރާތުގައި ދުޝްމަނުން ހަރަކާތްތެރިވަމުންދާތީ އެންމެ ރައްކާތެރި ގޮތަކީ މާލޭގެ ދެކުނު ފަރާތުން ލޯންޗެއް ހޯދުންކަމަށް ބަލައި އަޙްމަދު ޒާހިރު ދުރުވީ މާލޭގެ ދެކުނު ފަރާތަށެވެ. އޭރު މާލޭގެ ދެކުނު ފަރާތުގައި ސިފައިންގެ ޢާއިލާތައް ދިރިއުޅޭ ބަނޑޭރިކޮށީގެ ދެކުނުގައި ޖަޕާނުގެ ތައިސޭ އިންޖިނޭރުން އުޅޭ ސައިޓެއް އޮވެއެވެ. އެ މީހުންނާ ވާހަކަ ދެއްކުމުން އެ މީހުންގެ އަތުގައި އޮތް ދެ އިންޖީނު އެޅި ލޯންޗެއް ދިނެވެ. އެކަމަކު އެއް އިންޖީނުގައި އޮތީ މައްސަލަ ޖެހިފައެވެ. އެހެންވެ އެއް އިންޖީނުގައި ދުއްވާފައި ފުރަތަމަ ދިޔައީ ވިލިމާލެއަށެވެ. އޮމާނުގެ މަނަވަރަށް ދިޔައީ ވިލިމާލެއިން ހޯދި ދިރާގުގެ ލޯންޗެއްގައެވެ.
އޮމާނުގެ މަނަވަރަށް އަރާ ލެފްޓިނަންޓް އަޙްމަދު ޒާހިރު އޭގެ ކެޕްޓަނާ ބައްދަލުކުރެއްވިއެވެ. އަދި އޭރު މާލެ ތެރޭގައި ކަންތައްތައް ހިނގަމުންދާގޮތުގެ މަޢުލޫމާތު ދެއްވުމަށްފަހު އެ ޚަބަރު އޮމާނާއި، އެމެރިކާއާއި، އިނގިރޭސިވިލާތާއި، އިންޑިއާއައި ސްރީލަންކާގެ ސަރުކާރަށް ދިނުމަށް އެދިލެއްވިއެވެ. ކުޑައިރުކޮޅެއް ފަހުން އެކަން ކުރިއަށްދާކަމަށް ކެޕްޓަން ބުނުއްވިއެވެ. އެއަށްފަހު ކެޕްޓަނާ ދެއްކެވި ވާހަކައިގެ ތެރޭގައި ދިވެހި ސަރުކާރާއި ދިވެހި ސިފައިންނަށް މަނަވަރުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޙްމަދު ޒާހިރު އެދިލެއްވިއެވެ. މަނަވަރުގެ ކެޕްޓަން ކުރެއްވީ ސުވާލެކެވެ. "ދިވެހި ސިފައިން ބޭނުންވަނީ ކޮން ބާވަތެއްގެ އެހީއެއްތޯއެވެ؟"
އަޙްމަދު ޒާހިރު ދެންނެވީ ހަތިޔާރުދިނުމަށެވެ. ނުވަތަ މަނަވަރުގެ ސިފައިންނާ އެކު މާލެ ދާގޮތަށް ހަތިޔާރު ދޫކުރުމަށެވެ. އެ ވާހަކަ ދެންނެވުމުން ކެޕްޓަން ދުރުވީ ބްރިޖު މައްޗަށެވެ. އެތަނުގައި ވަރަށް ގިނައިރުވެފައި ދުރުވެ ބުނުއްވީ އެ މަނަވަރަކީ ޓްރޭނިންގ ބަޔަކު ގޮވައިގެން ދަތުރުކުރާ މަނަވަރެއް ކަމަށާއި ހަނގުރާމައެއްގައި އެއްގޮތަކަށް ވެސް އެންގޭޖްވާވަރަށް ހަތިޔާރާއި ވަސީލަތްތައް ނެތްކަމަށެވެ. އަދި މަނަވަރުގައި ތިބީ ވަރަށް މަދު ބައެއްކަމަށާއި އެ މީހުންގެ އަތުގައި އެސޯޓް ރައިފަލް ވެސް ހުރީ ވަރަށް މަދުންކަމަށެވެ.
މި ވާހަކަތައް ދައްކަވަން ތިއްބަވަނިކޮށް އެތަނަށް ދުރުވީ މަނަވަރުގެ ރޭޑިއޯ އޮފިސަރެވެ. އޭނާ ބުނުއްވީ ދިވެހިރާއްޖޭގެ ރަށްތަކާ ދުރަށް މަނަވަރު ޖެއްސުމަށް އޮމާނުގެ ސަރުކާރުން އަންގަވައިފިކަމަށެވެ. އޮމާނުގެ މަނަވަރުން ދިން ޖަވާބު ސިފައިންގެ އޮޕްސް ރޫމަށް ދެއްވުމަށްފަހު އަޙްމަދު ޒާހިރާއި އޭނާއާ އެކު މަނަވަރަށް ދުރުވި ސިފައިން މަނަވަރުން ފޭބިއެވެ. ދިވެހި ސިފައިން އެ މަނަވަރުން ފޭބުމުން މަނަވަރު މާލޭ ބަނދަރުން ފުރައިގެން ގާދޫކޮޅުން ނިކުމެގެން މިސްރާބު ޖެހީ ރާއްޖޭގެ އިރުމައްޗަށެވެ. އޭގެފަހުން އެ މަނަވަރުގެ ޚަބަރެއް ދިވެހީންނަކަށް ނުވެއެވެ.
ނޯޓު: މިއީ އެމްއެންޑީއެފްގެ ކޮމާންޑް ސާޖެންޓް ސައީދު އަބްދުﷲ އޭނާގެ ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއް
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *