މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބަނގުރަލާ އެކު ،ކ. ތުލުސްދޫ ގެސްޓްހައުސްއެއްގެ ތެރެއިން ހައްޔަރު ކުރި ބައެއްގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑް ކޮށްފިއެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހު ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަންގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރަކީ، ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރެވެ.
މާޔާ ސަސްޕެންޑް ކޮށްފައިވާ އެންގުމުގައި ވަނީ، އޭނާ ފުލުހުން ހައްޔަރު ކޮށްފައިވާތީ، ތައުދީބީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން، މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މިފަދަ އޮޕަރޭޝަނެއް ހިންގައި، ފުލުހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު ފުލުހުން އިސްވެ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިއްޔެ އެކަން ސޯޝަން މީޑިއާގައި ދައުރުވާން ފެށުމުން، ފުލުހުން ވަނީ އެ މައުލޫމާތު ހާމަކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ދިވެހި ހަތަރު ފިރިހެނުންނާއި ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.






