ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާއި ދެމެދު ހ ިނގި ހަމަނުޖެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭނުންކުރަން ހުރި މައިކަށް ލިބުނު ގެއްލުމުގެ އަގު 3840 ރުފިޔާ އަށް އަރާ ކަމަށް ބުނެފިއެވެ.
މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ މެންބަރުންހެ މެދުގައި ހިނގި ހަަމނުޖެހުމުގައި މައިކަަށް ގެއްލުން ލިބުނު މައްސަލަ ބަލަން އެންގީ އެދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެެވެ.
ނާޒިމް މައްސަލަ ބަލަން އެންގުމާއި ގުޅިގެން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ވަނީ މައްސަލަ ބަލަން ފަށައިފައެވެ. އެގޮތުން މައިކަށް ލިބުނު ގެއްލުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމާބެހޭ މައުލޫމާތު ވަނީ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.
މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުން 3840 ރުފިޔާއަށް އަރާކަަން ހާމަކޮށް އެމައްސަލައިގައި ކޮމިޓީން ގޮތެއް ނިންމުމަށް ހުށަހަޅައިފައެވެ.
އެ ކަމާގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ހުށަހެޅުއްވީ، އެ ދުވަހުގެ ޖަލްސާގެ ސީސީ ޓީވީ ފްޓޭޖް ބެލުމަށްފަހު މައިކް ހަލާކުވީ ކޮންމެންބަރެއްގެ އިހުމާލުންކަން ބެލުމަށްފަހު ގެއްލުމުގެ ފައިސާ ދެއްކުމަށް އެ މެންބަރަށް އެންގުމަށެވެ. އަޒާންގެ ހުޅަހެޅުމަށް މެންބަރަކު ތާއީދު ކުރައްވައި ކޮމީޓީން އެގޮތަށް ފާސް ކުރިއެވެ.
ދެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ހަލާކުވީ ފަލާހުގެ މޭޒުގައި ހުރި މައިކެވެ. އެދުވަހުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ކުރެއްވި ސުވާލަށް އެ މަނިކުފާނު ދެއްވި ޖަވާބުގެ ތެރެއިންނެވެ. މިނިސްޓަރ ޝަހީމްގެ ޖަވާބާއި ގުޅިގެން އެމްޑީޕީގެ މެންބަރު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. މަޖިލިސް ހޫނުވީ އެ ހިސާބުންނެވެ.






