* ފޭލްވެފައި ވަނީ ޚާރިޖީ ސިޔާސަތު އެކަންޏެއްނޫން، އިގްތިޞާދީ ސިޔާސަތުވެސް ފޭލްވެއްޖެ: ޝާހިދު
ރާއްޖެއަށް ބޭރުގެ ބަޖެޓު އެހީ ހޯދުމަށް މި ސަރުކާރު ނާކާމިޔާބު ވެފައިވާ ކަމަށާއި، މިކަމުން ސަރުކާރުގެ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތު ފެއިލްވެފައި ވާކަން ދައްކުވައިދޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަކީވެސް ހަގީގަތްތަކާ ދުރު، ގުޅުމެއް ނެތް ބަޖެޓެއް ކަމަށެވެ.
ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި، މި ސަރުކާރުން މި އަހަރު ބޭރުގެ ބަޖެޓު އެހީގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައި އޮތް ނަމަވެސް، ޕީއެންސީ ސަރުކާރުގެ މިހާތަނަށް، ބާޒާރުންނާއި ނުވަތަ ދެގައުމު ދެމެދު އެހީދޭ އެއްވެސް ފަރާތަކުން އެންމެ ރުފިޔާއެއްވެސް ހޯދިފައި ނެތް ކަމަށެވެ.
ޝާހިދު ވިދާޅުވީ، މި ނާކާމިޔާބީ އިން ދައްކުވައިދެނީ އިގްތިސޯދީ ސިޔާސަތާއެކު ޚާރިޖީ ސިޔާސަތުވެސް ފެއިލްވެފައި ވާކަމެވެ.
ބޭރުގައި އިތުބާރު ގެއްލިފައިވުން މިހާރު ގައުމަށް އެތެރޭގައިވެސް ގެއްލުން ދެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި އަހަރަށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މިއީ ގުޅުމެއް ނެތް، އިގްތިސާދީ ހަގީގަތްތަކާ ދުރު، އަދި އިޖުތިމާއީ ހާލަތުތަކާ ގުޅޭގޮތުން އެއްވެސް ތަސައްވުރެއް ނެތް ބަޖެޓެއް ކަމަށެވެ.
އާންމު ޚަރަދުތަކުގެ އަގުތައް ބޮޑުވެ، ވިޔަފާރިތައް ކުރިއަރަމުން ނުދާތީ އާމިން ދަތި ހާލުގައި އުޅެމުން ދާއިރު، އަންނަ އަހަރު ކަންކަން ރަނގަޅުވާނެ ކަމުގެ އެއްވެސް އިޝާރާތެއް މި ބަޖެޓުން ނުފެންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މިއީ ސާފު މަގުޗާޓެއް ނެތް، ލުޔެއް ނެތް، އަދި އިތުބާރެއްވެސް ނެތް ބަޖެޓެއް ކަމަށެވެ. އަނެއްކާވެސް އިތުރު އަހަރެއް ގެއްލިގެން ދަނީ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެކަމަށްވެސް ވިދާޅުވި އެވެ.
މިކަންކަމުން ދައްކުވައިދެނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ކުރިއެރުމަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސްފައިވާކަމެވެ.






