ވަކި މީޑިއާ ތަކަކަށް މިލިއަނުން ހިލޭ އެހީ ބަހާއިރު ބޭރުގައި ތިބި ކިޔަވާކުދިން ތިބީ ސަރުކާރުން ފައިސާ ނުފޮނުވައިގެން ގޮތް ހުސްވެފައި: ފިރާގު

ވަކި މީޑިއާ ތަކަކަށް މިލިއަނުން ހިލޭ އެހީ ބަހާއިރު ބޭރުގައި ތިބި ކިޔަވާކުދިން ތިބީ ސަރުކާރުން ފައިސާ ނުފޮނުވައިގެން ގޮތް ހުސްވެފައި: ފިރާގު

ރާއްޖޭގެ އަމިއްލަ މީޑިއާ ތަކަށް އެތައް މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ދޭން ނިންމައި، އިއުލާނު ކުރިއިރު، ސަރުކާރުގެ ސްކޮލަޝިޕްގައި ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރަން ގޮސްތިބި ދިވެހި ދަރިވަރުން ތިބީ، ސަރުކާރުން ފައިސާ ނުފޮނުވައިގެން ބަޔެއް ކުދިންގެ ކިޔެވުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން ވިޔަފާރިވެރިޔާ އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ސަރުކާރުން އިއްޔެ ވަނީ އަމިއްލަ 18 މީޑިއާ އަކަށް 28 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި، އެ މީޑިއާތަކާއި ދޭން ނިންމި އަދަދުވެސް އާންމު ކޮށްފައެވެ. މި 18 މީޑިއާގެ ތެރޭގައި އެއްބައެއްގެ މަސްލަހަތު އޮންނަ މީޑިއާތަކެއްވެސް ހިމެނެއެވެ.

ސަރުކާރުން އިއްްޔެ އާންމު ކުރިއިރު، އެންމެގިނަ ރުފިޔާ ލިބެނީ ޔޫތް މިނިސްޓަރު އިބްރާހީމް ވަޙީދު (އަސްވާޑު) ގެ މަސްލަހަތު އޮތް ދެ މީޑިއާ އަކަށެވެ. އެއީ ސަންގު ޓީވީ އާއި ސަންގު އޮންލައިންނެވެ. އަސްވާޑުގެ މި ދެ މީޑިއާއަށް އެކަނިވެސް ޖުމްލަ 5.1 މިލިއަން ރުފިޔާ ލިބެއެވެ. އެއީ ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ އަދި ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ އެވެ.

ދެން އެންމެގިނަ ފައިސާ ލިބެނީ ވިޔަފާރިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްގެ މަސްލަހަތު އޮތް ދެ މީޑިއާއަކަށެވެ. ޝިޔާމްގެ އެސްއެސްޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބޭއިރު، ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.

ތިންވަނައަށް އެންމެގިނަ ފައިސާގެ ހިލޭ އެހީ ލިބެނީ ވިޔަފާރިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހިންގަވާ ވީ މީޑިއާއަށެވެ. އެގޮތުން ވީޓީވީއަށް 3 މިލިއަން ރުފިޔާ ލިބޭއިރު، ވީނިއުސް އޮންލައިނަށް 1.1 މިލިއަން ލިބެ އެވެ.

މީގެއިތުރުން، ވަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ، ވޮއިސްއަށް 1.3 މިލިއަން ރުފިޔާ، ދަ ޕްރެސްއަށް 1.3 މިލިއަން ރުފިޔާ، ދައުރު ނޫހަށް 1.3 މިލިއަން ރުފިޔާ، މިހާރު އޮންލައިނަށް 1.2 މިލިއަން ރުފިޔާ، އަދި މިހާރުގެ ދަށުން ހިންގާ އިނގިރޭސި އެޑިޝަންއަށް 1.1 މިލިއަން ރުފިޔާ، އަދަދު ނޫހަށް 1.1 މިލިއަން ރުފިޔާ، ތީރު މީޑިއާއަށް 1.1 މިލިއަން ރުފިޔާ، ދިޔަރެސް ނޫހަށް 1.1 މިލިއަން ރުފިޔާ، ގާފު އޮންލައިނަށް 1 މިލިއަން ރުފިޔާ، މަލްދީފް އޮންލައިނަށް 899،197 ރުފިޔާ އަދި ތިލަދުންއަށް 1.2 މިލިއަން ރުފިޔާ އެވެ.

އަމިއްލަ ފަރާތްތަކުން ހިންގާ މީޑިއާ ތަކަށް 28 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ސަރުކާރުން ނިންމުމާއި ގުޅިގެން، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ފިރާގު ވިދާޅުވީ، ސަރުކާރުގެ ސްކޮލަޝިޕްގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަން ގޮސްތިބި ދިވެހި ދަރިވަރުން މިވަގުތު ތިބީ، އެކުދިންގެ ކިޔެވުމުގެ ފީތަކަށްވާ ފައިސާ ސަރުކާރުން ނުފޮނުވައިގެން މާލީ ގޮތުން ބޮޑު ދަތިތަކެއްގެ ތެރޭގައި ކަމަށެވެ. ބައެއް ދަރިވަރުން ތިބީ ކިޔެވުން އިތުރަށް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު ހީވެފައި ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

ދިވެހި ދަރިވަރުން ކިޔަވަން ގޮސް ތިބެ، ކިޔެވުން ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އޮތް ވަގުތެއްގައި އެ ކުދިންގެ ކަންކަން ސަރުކާރުން ހަމަޖައްސައިނުދީ، ވަކި މީޑިއާ ތަކަށް މިލިއަނުން ހިލޭ އެހީ ދޫކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ފިރާގު ވިދާޅުވީ، މިގޮތަށް އަމަލު ކުރުމުން ސަރުކާރުން އިންސާފަށް އިސްކަންދޭ މިންވަރާމެދު ސުވާލު އުފެދޭ ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *