އިއްޔެ އައްޑޫ ސިޓީގައި ނެގިގެންދިޔަ ވޯޓުން އައްޑޫ ސިޓީގެ ރައްޔިތުން ނުކުމެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސާބިތުކޮށްދިނީ ވަޒީފާ އާއި ފައިސާއިންވެސް ބޭނުންހާ ކަމެއް ނުކުރެވޭނެކަން ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ވޯޓާއި ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ، އިއްޔެ އައްޑޫގައި ނެގި ވޯޓުގައި ގިނަ މީހުންގެ ތާއީދު އޮތީ އައްޑޫ ސިޓީ ކައުންސިލްއިން ވަކިނުވާން ކަމަށް ވޯޓުގެ ޖުމްލަ ނަތީޖާއިން ދައްކާފައި ވަނިކޮށެވެ. މި ވޯޓުގައި ފޭދޫ ރައްޔިތުން ނިންމީ ސިޓީ ކައުންސިލުން ވަކިނުވެ މިހާރުވެސް އޮތްގޮތަށް އޮތުމަށެވެ. ހުޅުދޫ، މީދޫ މީހުންގެ މެޖޯރިޓީ ލިބުނީ ވަކިން ކައުންސިލެއް އުފައްދާށެވެ. ނަމަވެސް ވޯޓުގައި ބައިވެރިވު ޖުމްލަ މީހުންގެ މެޖޯރިޓީއަކީ ވަކިނުވުމެވެ.
"ރައްޔިތުންގެ ވިސްނުން ވަކިގޮތަކައް ތަރުތީބުވެ ހަރުވީމާ،ވަޒީީފާއާއި ފައިސާއިން ބޭނުންހާ ކަމެއް ނުކުރެވޭކަން އައްޑޫސިޓީގެ ރައްޔިތުން ރައީސް މުއިއްޒު އަށް ސާބިތު ކޮށްދީފި" އައްޑޫ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ލިބުނީ ނާކާމިޔާބެއްކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވިއެވެ.
މި ވޯޓުގައި ސަރުކާރުން ވަކި ސްޓޭންޑެއް ނެތް ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެމަނިކުފާނުވެސް ވަނީ ވަކި ކައުންސިލްތަކެއް އުފެއްދުމަށް ހިތްވަރު ލިބޭނެހެން ވާހަކަފުޅު ދައްކަވާފައެވެ. ދާދިފަހުން އަތޮޅު ތެރެއަށް ރައީސް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ ވަކި ކައުންސިލް ތަކެއް އުފެއްދުމުން މާލީ ގޮތުން އެ ކައުންސިލް ތަކަށް ހުރި ފައިދާ ތަކެއްގެ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ވަކި ނުވުމުން އޮތް ފައިދާގެ ވާހަކައެއް ނުދައްކަވައެވެ.
ސަރުކާރުން ވޯޓުގައި ތާއީދު ކުރީ ވަކިވުމަށްކަން ރައީސްގެ ވާހަކަފުޅުން ގިނަބަޔަކު ގަބޫލުކުރިއިރު، ބަޔެއް ވަޒީރުންނާއި ބަޔެއް މެމްބަރުންވެސް ވަނީ ވަކިވުމާ އެއްކޮޅަށް ކެމްޕޭން ކުރައްވާފައެވެ. ނަމަވެސް އެ ބޭފުޅުން ވިދާޅުވީ، ކެމްޕޭން ކުރައްވަނީ އަމިއްލަފުޅު ހައިސިއްޔަތުން ކަމަށެވެ.






