ތިން މީހެއްގެ ޕީއެޗްޑީ ގަބޫލު ކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ތިން މީހެއްގެ ޕީއެޗްޑީ ގަބޫލު ކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ދެންމެ ބާތިލް ކޮށްފިއވެ.

މި މައްސަލައަކީ، ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެ ތިން މީހުން ސިވިލް ކޯޓުގައި ދައުވާކުރީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލު ކުރާނެ ކަމަށް ބުނެ، އެތަނުގެ ލިއުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީން ނިންމުމުންނެވެ.

ކޮލިފިކޭޝަން އޮތޯރިޓިން ބުނެފައިވަނީ، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އަށް ހަވާލާދީ ކަމަށެވެ. އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އެ ތިން މީހުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ ކޮލިފިކޭޝަން އޮތީރިޓީން ގަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ލިއުން ލިބި، ކޯސް ފަށައި، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ، އެކަންތައް ބަލަމުންދާ ކަމަށާއި ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލު ކުރާނެ ކަމަށް ލިއުމުން ދިން ޔަގީން ކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލު ނުކުރާނެކަ މަށް އެންގުމަކީ އިއާދަ ނުކުރެވޭ ގެއްލުން ތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

 

އެކަމުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އޮތީރިޓީން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަކަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް އަދި އެގޮތަށް އަމުރުކޮށްދެވޭނެ ތަނެއް ނެތްނަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން ކޮލިފިކޭޝަން އޮތޯރިޓީއަށް އަމުރު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެ ފަރާތް ތަކުން ކިޔެވި ޕްރޮގްރާމްގައި މައްސަލަ ތަކެއް ހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތްތަކުން ކޮށްފައިވާ ހަރަދުތަކާއި އެފަރާތް ތަކަށް ލިބިފައިވާ ގެއްލުން ތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދު ތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށާއި އެ މިންވަރަށް އެފަރާތްތަކަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ. އަދި ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫން އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާާއަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް ވަނީ އަންގައިފައެވެ.

ހައިކޯޓުގެ މި ހުކުމް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަބަލައި ސުޕްރީމް ކޯޓުން، މިއަދު ހުކުމްކުރީ، ހައިކޯޓުން ކުރި ހުކުން ބާތިލް ކުރުމަށެވެ. އަދި ނިއުމާ މުހައްމަދާއި، ފާތިމަތު މުމްތާޒުގެ ޕީއެޗްޑީ ޕްރޮގްރާމްފަށާ ނިންމަފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިއުން ހޯދަައިގެން ނޫން ކަމަށްވާތީ އެ ފަރާތްތަކަށް ބަދަލު ދޭންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ކޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޝައްމޫނަށް ދޫކޮށްފައިވާ ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިއުމަށް ބަރޯސާވެ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަަމަކޮށް އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓް ކޮށްދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް ހުށަހެޅުމުން އެ ސަނަދު ވެލިޑޭޓް ކޮށްނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ޝައްމޫނަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު އޭނާއަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅައި ލިބިފައިވާ ގެއްލުމެއް ވާނަމަ އެ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހައިކޯޓުން އަލުން ބެލުމަށްޓަކައި މި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *