އދ.ގެ ކުރީގެ ރައީސުންގެ އިލްތިމާސް: ދެން އޮންނަ އިންތިޚާބުގައި ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު ހޮވައިދެއްވާ

އދ.ގެ ކުރީގެ ރައީސުންގެ އިލްތިމާސް: ދެން އޮންނަ އިންތިޚާބުގައި ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު ހޮވައިދެއްވާ

ދެން އޮންނަ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިންތިހާބުގައި މި މަގާމަށް އަންހެން ބޭފުޅަކު ހޮވުމަށް އދ. ގެ ކުރީގެ ރައީސުންގެ ފަރާތުން ގޮވާލައިފިއެެވެ.

ކުރީގެ ރައީސުން އެގޮތަށް ގޮވާލީ އދ. ގެ ލީޑާޝިޕް ހަރުދަނާ ކުރުމަށް މި އިންތިހާބަކީ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަ ކުރައްވަމުންނެވެ.

އދ. ގެ ކުރީގެ ރައީސުން ވަނީ، އދ. ގެ 193 މެމްބަރު ގައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިހާބީ ޕްރޮސެސްއެއް ގެންގުޅުމަށް ގޮވާލައްވާފައެވެ. އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި، ދުނިޔެވީ ފެންވަރުގައި ހިންގާ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އދ. ގެ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވުމުގެ ކަންކަން ކުރިއަށްދާންވާނީ މި އުސޫލުތަކުގެ މަތިންނެވެ.

މީގެ އިތުރުން، ޖުގްރާފީ ރޮޓޭޝަންގެ އުސޫލާއި ޖެންޑާ ހަމަހަމަކަން ގާއިމް ކުރުމަށް އިސްކަންދިނުމަށް ވެސް ކުރީގެ ރައީސުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި، އދ. އުފެދުނުތާ 80 އަހަރުވެފައިވާއިރު ވެސް މިހާތަނަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެއްވެސް އަންހެން ބޭފުޅަކު ހޮވިފައި ނުވުމަކީ ބަދަލު ކުރަންޖެހިފައިވާ ކަމެކެވެ. މިކަމަށް ރިއާޔަތްކޮށް، އދ. ޖެނެރަލް އެސެމްބްލީގެ ރައީސް ކުރައްވާފައިވާ ގޮވާލުމަށް އެއްބާރުލުން ދެއްވައި، ދެން އަންނަ އިންތިހާބުގައި ކަމަށް ގާބިލް އަންހެން ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހޮވުމަށް މަސައްކަތް ކުރުމަށް ވަނީ ބާރުއަޅާފައެވެ.

އދ. ގެ ކުރީގެ ރައީސުންގެ މި އިލްތިމާސް ދައްކުވައިދެނީ، ދުނިޔެވީ ލީޑާޝިޕްގައި ޖެންޑާ ހަމަހަމަކަމާއި ހާމަކަން ބޮޑު އިންތިހާބީ ޕްރޮސެސްތަކުގެ މުހިންމުކަމެވެ. މިހާރުގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ނިމުމަށް ގާތްވެފައިވާއިރު، މި އިލްތިމާސްތަކަށް އދ. ގެ މެމްބަރު ގާއުމުތަކުން ސަމާލުކަންދޭނެ ކަމަށް ބެލެވެއެވެ.

އދ. ގެ ކުރީގެ ރައީސުން ހިމެނިވަޑައިގަންނަވާ ކައުންސިލުން ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، އދ.ގެ ޗާޓަރަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބައިނަލްއަގުވާމީ ނިޒާމުގެ ބިންގަލަށްވެ، މަލްޓިލެޓްރަލިޒަމް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ އޮނިގަނޑެއް ކަމަށެވެ. އަދި އދ. އިން އިންސާނިއްޔަތު ބޮޑު ހަނގުރާމަ އަކުން ނުވަތަ ނިއުކްލިއާ ހަނގުރާމަ އަކުން ސަލާމަތްކޮށް، އެތައް ހަނގުރާމައެއް ހުއްޓުވައި ނިމުމަކަށް ގެނެސް، އިންސާނީ ހައްގުތައް ކުރިއަރުވައި، އެތައް ގައުމެއް މިނިވަންވުމަށް މަގުފަހިކޮށް، އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ހިތްވަރުދީ، ކޮންމެހެން ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދީ އަދި މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމް ކޮށްދީފައިވާ ކަމަށެވެ.  މީގެއިތުރުން އދ. އިން ބައިނަލްއަގުވާމީ ގާނޫނު ގަބޫލު ކުރުން ފުޅާކޮށް، ގައުމުތަކުގެ ގުޅުންތަކުގައި ހަމަޖެހުމާއި ސްޓެބިލިޓީ ގާއިމް ކުރުމަށް ހިތްވަރު ދީފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކުރީގެ ރައީސުންގެ ކައުންސިލުން ދެކެވަޑައިގަންނަވާ ގޮތުގައި ސުލްޙަ އާއި ސަލާމަތީ، ތަރައްގީ އަދި އިންސާނީ ހައްގުތަކަކީ އދ. ގެ ނިޒާމުގެ ތަނބުތަކެވެ. މި ތަނބުތަކަކީ އަމާންކަމާއި ދުޅަހެޔޮކަމުގެ އަސާސްތަކެވެ. ތަރައްގީއެއް ނެތި ސުލްހައެއް ނޯންނާނެއެވެ. ސުލްހައެއް ނެތި ތަރައްޤީއެއް ނޯންނާނެއެވެ. އަދި އިންސާނީ ހައްގުތަކެއް ނެތި ސުލް\ހައެއް އަދި ތަރައްގީއެއް ނޯންނާނެއެވެ.

ބަޔާނުގައި ވިދާޅުވެފައި ވަނީ، އދ. އިސްލާހީ މަސައްކަތް ތަކެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަން ޖެހިފައިވާ ކަމަށާއި، އެގޮތުން ސެކިއުރިޓީ ކައުންސިލް ވާގިނެތިފައިވާ މައްސަލައަކީ އދ. ގެ އެންމެ މުހިންމު ޒިންމާ ކަމަށްވާ ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތީ ކަންކަން ހިފެހެއްޓުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. މިކަމަށްޓަކައި، އެ ބޭފުޅުން ގޮވާލައްވާފައި ވަނީ، އދ. ގެ ޗާޓަރުގެ ޗެޕްޓަރު 6 އަދި 7 ގެ ދަށުން ސުލްހަ އަދި ސަލާމަތީ ދާއިރާގައި އދ. ގެ ދައުރު އިސްލާހުކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށެވެ. މި ޖަލްސާއަށްފަހު، އދ. ގެ ޗާޓަރުގެ މާއްދާ 109 ގެ ދަށުން ޗާޓަރު މުރާޖައާ ކުރުމަށް އާންމު ކޮންފަރެންސެއް މެދުވެރިކޮށް ޖަމިއްޔާގެ ފުޅާ އިސްލާހަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ޖެނެރަލް އެސެމްބްލީގެ ހާއްސަ ޖަލްސާއިން ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތައް ފާހަގަ ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސުންގެ ކައުންސިލުން ފާހަގަ ކުރައްވާ ކަންކަން:

* މަލްޓިލެޓްރަލިޒަމުގެ އެއްބައިވަންތަކަމަށް އޮތް ގޮންޖެހުން:

މިއަދުގެ އެއްބައިވަންތަ ދުނިޔޭގައި، ގިނަ މެމްބަރު ގައުމުތަކުން ކުރިއަށް ގެންދަނީ ހަނި ދާއިރާއެއްގައި އެމީހުންގެ އަމިއްލަ މަސްލަހަތެވެ. އދ. ގެ ޗާޓަރުގައި ބަޔާން ކުރެވިފައިވާ އާންމު ހެޔޮ އެއްބައިވަންތަ ސިފަތަކާއި ހިލާފަށް އެފަރާތްތަކުގެ ނުފޫޒު ދަނީ ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

* ބައިނަލްއަގުވާމީ ޤާނޫނަށް އޮތް ގޮންޖެހުންތައް:

އދ. ގެ ޗާޓަރުގެ އަސާސީ އުސޫލުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްނުކުރުން އިތުރުވަމުން އަންނަކަމީ ކަންބޮޑުވުމެކެވެ. އިންސާނީ ހައްގުތަކާއި އިންސާނީ އެހީގެ ގާނޫނުތައް ނިގުޅައިގަތުމުން ބައިނަލްއަގުވާމީ ސުލްހައަށާއި އިންސާނިއްޔަތަށް ނުރައްކާވަމުން ދެއެވެ.

* ބޮޑެތި ބާރުތަކުގެ ކުރިމަތިލުމާއި، ނިއުކްލިއަރ ހަނގުރާމައިގެ ނުރައްކާ:

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ބާރުތަކުގެ މެދުގައި އުފެދެމުންދާ ހަމަ ނުޖެހުމާއި، ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމުތައް ހިމެނޭހެން ސަރަޙައްދީ ހަމަނުޖެހުން އިތުރުވުމާއި، ނިއުކްލިއާ ހަތިޔާރާބެހޭ އެއްބަސްވުންތައް ނެތިދިއުމުން ދުނިޔޭގެ ސުލްހައަށް ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންނެވެ.

* އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާ:

ޓެކްނޮލޮޖީގެ ދާއިރާގައި، ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އަންނަ ހަލުވި ކުރިއެރުންތަކުން 21 ވަނަ ގަރުނުގައި ހުޅުވިގެންދާ ފުރުސަތުތަކާއެކު، ސީރިއަސް ގޮންޖެހުންތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން އދ. އިން އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ނުރައްކާތައް ކޮންޓްރޯލްކުރުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމް ކުރުން މުހިންމެވެ.

ކުރީގެ ރައީސުން ވިދާޅުވެފައި ވަނީ، އދ. އާއި އޭގެ ހާއްސަ އެޖެންސީ ތަކަށް ކުރިމަތިވެފައިވާ މާލީ ކްރައިސިސްތަކާމެދު އެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އދ. ގެ  ކުރިމަގަށް ނުރައްކާވާ މިންވަރަށް މި މައްސަލަ ބޮޑުވެފައި ވާތީ، އދ. ގެ މެމްބަރު ގައުމު ތަކުން، ހާއްސަކޮށް މައި ކޮންޓްރިބިއުޓަރުން، އދ. ގެ ޗާޓަރުގެ ދަށުން \ގާނޫނީ ޒިންމާތައް އަދާކުރުމަށްވެސް އެބޭފުޅުން ވަނީ ގޮވާލައްވާފައެވެ.

މިއަދަކީ އދ. އުފެދުނުތާ 80 އަހަރު ފުރުނު ދުވަހެވެ. އދ. އުފެދިފައި ވަނީ 24 އޮކްޓޯބަރ 1945 ގައެވެ. އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސުންގެ ކައުންސިލުގެ ބަޔާނުގައި ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވެފައިވެއެވެ.

އދ. ގެ ކުރީގެ ރައީސުންގެ ކައުންސިލްގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސެވެ. އެމަނިކުފާނަކީ އދ. ގެ ރައީސްކަން ކުރެއްވި ހަމައެކަނި ދިވެއްސެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *