ސަރުވަޝްގެ އިސްތިއުފާ- އާންމު ފަރުދުންނާއި މުއައްސަސާތަކުންވެސް މިގޮތަށް އަމަލު ކުރުމުގެ ހިތްވަރު ހޯދަންވާނެ: ޝާހިދު

ސަރުވަޝްގެ އިސްތިއުފާ- އާންމު ފަރުދުންނާއި މުއައްސަސާތަކުންވެސް މިގޮތަށް އަމަލު ކުރުމުގެ ހިތްވަރު ހޯދަންވާނެ: ޝާހިދު

ޕެންޝަން ބޯޑުގެ މެންބަރުކަމުން މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް އިސްތިއުފާ ދެއްވުމަކީ ހިތްވަރުގަދަ، ތެދުވެރި، އަމާނާތްތެރި ނިންމުމެއް ކަމަށާއި، އާންމު ފަރުދުންނާއި މުވައްސަސާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުންވެސް އެތަނެއްގައި ގޯސްކޮށް ކަމެއް ހިނގާނަމަ، ސަރުވަސް އަމަލު ކުރެއްވި ގޮތަށް އަމަލު ކުރުމުގެ ހިތްވަރު ހޯދަންވާނެ ކަމަށް އެމްޑީީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާދެއްވީ ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޕެންޝަނާބެހޭ އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ، އެއީ އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުންވެސް ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންވާނެ މުއާމާލާތެއް ކަމަށެވެ.

ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ރާވަމުންދާ ކަމުގެ އަޑު ވަނީ ގަދަވެފައެވެ. ސަރުކާރުން ރަސްމީކޮށް މިކަމާމެދު އެއްޗެއް ނުބުނި ނަމަވެސް އެކަން ދޮގު ކޮށްފައިވެސް ނުވެއެވެ.

ސަރުވަޝް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭއާއެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމި ނިންމުމަކީ، ގާނޫނީ ގޮތުންވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ

ސަރުވަޝްގެ އިސްތިއުފާގެ މެސެޖަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުވަޝް އެ ނިންމެވިފަދަ ނިންމެވުންތައް ފެންނަނީ ވަރަށް މަދުން ކަމަށެވެ. އަދި މިފަދަ ތެދުވެރި ނިންމުންތަކަކީ ވަރަށް ބޭނުންތެރި ނިންމުންތަކެއް ކަމަށާއި، އެ ނިންމެވުމަކީ މުއައްސަސާތައް ހިންގަންވާނީ ޖަވާބުދާރީ ވުމުގެ މައްޗަށްކަން ހަނދާންކޮށްދޭ ނިންމެވުމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަރުވަޝްގެ އިސްތިއުފާއަކީ އާންމުންގެ އިތުބާރާއި އަމާނާތްތެރި ކަމުގެ ޒިންމާއަށް އުނިކަން އަންނަ ފަދަ އަމަލުތަކާއި ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެފަދައިން އަމަލުކުރުމުގެ ހިތްވަރު އާންމު ފަރުދުންނާއި މުވައްސަސާތަކުންވެސް ހޯދަންވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *